ބަތަލާ އަނަންޔާ ޕާންޑޭއާއި އެކްޓަރު ސިދާތް ޗަތުރްވެދީ ލީޑްރޯލް ކުޅޭ ފިލްމު "ކޯ ގަޔޭ ހަމް ކަހާ"އިން ބަތަލާ ކަލްކީ ކޮއެޗްލިން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

ފިލްމު "ދޭވް ޑީ"، "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "ޔެ ޖަވާނީހެ ދިވާނީ"ފަދަ ފިލްމުތަކުން ފެނިފައިވާ ކަލްކީ މިފިލްމުގައި ފެންނާނީ އެކްޓަރު ސިދާތް ޗަތުރްވެދީގެ ލޯބިވެރިޔާގެ ރޯލްއިންކަންވެސްވަނީ ކަށަވަރުވެފައެވެ.

އަނަންޔާ އާއި ސިދާތުގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއަކުން އާދަޝް ގޯރަވް ފެންނާނެއެވެ. ކަލްކީވަނީ ސިދާތް ބޮލީވުޑަށް ތައާރަފުވި ފިލްމު "ގައްލީ ބޯއި"ގެވެސް މުހިއްމު ރޯލްއަކުން ފެނިފައެވެ.

ފިލްމު "ކޯ ގަޔޭ ހަމް ކަހާ"އަކީ އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ އަރުޖުން ވަރައިން ސިންގްގެ ފިލްމެކެވެ. އެކްސެލް އެންޓަޓެއިންމެންޓްއާއި ޓައިގާ ބޭބީ ގުޅިގެން ގެނެސްދޭ މިފިލްމުގެ ޕްރޮޑިއުސަރުންނަކީ ރީމާ ކާގްތީ، ޒޯޔާ އަޚްތަރު އަދި ފަރްހާ އަޚްތަރެވެ.

"ކޯ ގަޔޭ ހަމް ކަހާ"ގެ ޕޯސްޓަރެއް --

ފިލްމުގައި ގެނެސްދޭ ވާހަކައާއި ގުޅޭ މާގިނަ މައުލޫމާތު މިހާތަނަށް މީޑިއާއާ ހިއްސާކޮށްފައިނުވާއިރު މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުތެރޭގައެވެ. ނަމަވެސް ވަކި ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.

ދާދިފަހުން މަންމައަކަށްވެފައިވާ ކަލްކީ ބޮމްބޭ ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، ވިހެއުމަށްފަހު ފިލްމު ކުޅޭ މިންވަރު މަދުކޮށްފައިވާކަމަށެވެ. ދަރިފުޅަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަކީ އޭނާގެ އެންމެބޮޑު މަގުސަދުކަމަށް ބުނަމުން ބަތަލާ ބުނެފައިވަނީ ދިރިއުޅުމުގެ ވަގުތުތައް މިހާރު ބަހާލާފައިވާކަމަށެވެ. ނަމަވެސް ފިލްމީ މަސައްކަތްތަކަށް ކުރިން ދިންވަރަށް ވަގުތު ދޭން ބޭނުންނުވާކަމަށްވެސް ކަލްކީވަނީ ބުނެފައެވެ. ބައެއް ވެބް ސީރީސްތަކުންވެސް ފެނިފައިވާ ބަތަލާ އެންމެފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްވި "ގޯލްޑް ފިޝް"ނަމަކަށް ކިޔާ ފިލްމަކުންނެވެ.