ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާސެނަލްއާ ގުޅުނު ނަމަ، އެ ކްލަބަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުނީސް ކަމަށް އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަން ބުނެފިއެވެ.

ރޮނާލްޑޯ އާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އެންމެ ބޮޑަށް މައްސަލަ ގޯސްވެފައިވަނީ ވެސް މޯގަންއަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ރޮނާލްޑޯއާ ދެމެދު ހަަދާފައިވާ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ.

ޔުނައިޓެޑުން ކޮންޓްރެކްޓް އުވާލުމާ ގުޅިގެން ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ހޯދުމަށް ޔޫރަޕާއި އެމެރިކާގެ ކްލަބުތަކަކުން މަސައްކަތްކުރި ނަމަވެސް، އޭނާ ނިންމީ ބޮޑު މުސާރައެއް ހުށަހެޅި ސައުދީ އަރަބިއާގެ އަލް ނަސްރާ ގުޅުމަށެވެ. މޯގަން ބުނެފައިވާ ގޮތުގައި އަލް ނަސްރަށް ދިއުމުގެ ބަދަލުގައި ރޮނާލްޑޯ ބޭނުންވީ އިނގިރޭސި ކްލަބު އާސެނަލްއާ ގުޅުމަށެވެ.

"ހަގީގަތަކީ ޔުނައިޓެޑް ދޫކޮށް، ރޮނާލްޑޯ އާސެނަލްއާ ގުޅުނު ނަމަ، ލީގު ޗެމްޕިއަންކަން ހޯދުނީސް. އާސެނަލްއާ ގުޅެން އޭނާ ވެސް ބޭނުންވެފައި ހުރީ. އެންމެ ބޭނުން ޖެހޭ ވަގުތުގައި ގޯލު ޖަހާނެ ގޮތާއި ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން ޖެހޭނެ ގޮތް ރޮނާލްޑޯއަށް އެނގޭނެ،" މޯގަން ކުރި ޓުވީޓެއްގައި ބުންޏެވެ.

ސީޒަނުގެ ބޮޑު ބައެއްގައި އާސެނަލުން ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، ނަތީޖާތައް ދަށްވުމާ ގުޅިގެން އެޓީމަށް ވަނީ އެއްވަނަ މަގާމު ގެއްލިފައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލްއާ ދެމެދު މިހާރު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ކުރިއަށްއޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިޔަސް، ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.

އާސެނަލަށް ލީގު ޗެމްޕިއަންކަން ހޯދިފައިވަނީ މީގެ 19 އަހަރު ކުރިންނެވެ. އެއަށްފަހު މިސީޒަނަކީ އާސެނަލުން ތައްޓާ އެންމެ ގާތަށް ޖެހުނު އެއް ސީޒަނެވެ.