17 May 2023, 11:36
ބޮޑު ސަޕްރައިޒަކާއެކު "ލޯބިވެވިއްޖެ 2" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ފިލްމުގެ ޑައިރެކްޓަރު އަދި ދިވެހި ހުނަރުވެރި ބަތަލް އަލީ ސީޒަން، "ލޯބިވެވިއްޖެ" ގެ ދެވަނަ ބައެއް ނެރޭކަން އިއުލާނުކުރީ ފިލްމުގެ ދެވަނަ ރެޑް ކާޕެޓަށްފަހުއެވެ.
މި ޚާއްސަ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ. އަދި މި ހަރަކާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަފްތާބް ޝިވަސްދާނީ ވަނީ ބައިވެރިވެފައެވެ.
ލޯބިވެވިއްޖެ ފިލްމާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަމުން ޑައިރެކްޓަރު ސީޒަން ބުނީ ފިލްމްގެ ފުރަތަމަ ބައިގަ ރަނގަޅު ކުރަންޖެހޭ ކުދިކުދި ކަންތައްތައް އެބަހުރިކަމަށާއި ޓާގެޓަކީ މިއަށްވުރެ ރަނގަޅު މަސައްކަތެއް ފިލްމްގެ ދެވަނަ ބައިގަ ކުރުން ކަމަށެވެ.
"ލޯބިވެވިއްޖެގެ ދެވަނަ ބައިގަ ޓްރެއިލާއިން އެ ފެންނަ ތަފާތު އަނެއްކާވެސް ގެނެސްދިނުމަށް މަސައްކަތް ކުރާނަން"ފިލްމްގެ ޑައިރެކްޓަރު ސީޒަން
ސީޒަން ބުނީ ފިލްމްގެ ފުރަތަމަ ބަޔާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި ބެލުންތެރިންގެ ކޮމެންޓްތައް ވެސް ވަރަށް ރަނގަޅުކަމަށާއި ޚާއްސަކޮށް އަފްތާބް ފިލްމް ބެލުމަށްފަހު އެކްޓަރުންގެ އެކްޓިންއަށް ތައުރީފު ކޮށްފައިވާކަމަށް އޭނާ ބުންޏެވެ. އަދި އެއީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ވަރަށް އުފާވާ ކަމެއް ކަމަށް ސީޒަން ބުންޏެވެ.
"އަޅުގަނޑު ބުނާނީ މިއަށްވުރެ އަދި މި ވޯކް ރަނގަޅަށް ކުރެވޭނެއޭ. ދެވަނަ ފަހަރަށް މި ފިލްމް ޝޫޓްކުރަން ލިބިއްޖެއްޔާ އަދި މިއަށްވުރެ ފުރިހަމަ ވާނެ. އެހެންނަމަވެސް މިހާރު ލިބެން ހުރި ވަސީލަތްތަކާއެކު މިއީ އަޅުގަނޑަށް މިހާތަނަށް ކުރެވުނު އެންމެ ރަނގަޅު ވޯކް"ފިލްމްގެ ޑައިރެކްޓަރު ސީޒަން
ފިލްމްގެ ބެލުންތެރިންނަށް ތަފާތު އެތައް އިހުސާސްތަކެއް ފޯރުކޮށްދިނުމަށްފަހު ނިމުނު ފިލްމްގެ ފުރަތަމަ ބަޔަށް ފަހު، އަނެއްކާވެސް ފިލްމުގެ އިތުރު ބައެއް ކުރިއަށް އަންނާނެކަން އިއުލާނުކުރުމާއެކު މިއީ "ލޯބިވެވިއްޖެ"ގެ ބެލުންތެރިންނަށް ވަރަށްވެސް އުފާވެރި ޚަބަރެކެވެ.

"ލޯބިވެވިއްޖެ"ފިލްމްގެ ޑައިރެކްޓަރު އަލީ ސީޒަން "ސަން"އާ ވާހަކަދައްކަނީ
ސީޒަން ބުނީ "ލޯބިވެވިއްޖެ 2" އަކީ ބެލުންތެރިންނަށް އަނެއްކާވެސް އޮތް ބޮޑު ސަޕްރައިޒެއް ކަމަށެވެ. އެގޮތުން ފިލްމް ބަލަން އަންނަ ބެލުންތެރިންނަށް ތަފާތު ކަންތައްތަކެއް ފެނި އިތުރު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ސީޒަން ބުންޏެވެ.
"މިހާތަނަށް ދިވެހި ފިލްމަކުން ފެނިފަ ނެތް އެހެންނަމަވެސް ތަފާތު ކަންތައްތަކެއް ދެވަނަ ބައިން ފެނިގެންދާނެ."ފިލްމްގެ ޑައިރެކްޓަރު ސީޒަން
"ލޯބިވެވިއްޖެ" މި ފިލްމަކީ 2019 ވަނަ އަހަރު ޝޫޓް ކުރަން ފެށި ފިލްމެކެވެ. އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން މި ފިލްމުގެ މަސައްކަތްތަކަށް ލަސްކަމެއް އައިސް ހުއްޓުނު ނަމަވެސް، 2022 ވަނަ އަހަރު މި ފިލްމު ވަނީ އަލުން ރީޝޫޓްކޮށް ނިންމާފައެވެ.
ފިލްމުގެ މެއިން ރޯލު ތަކުން ފެންނަނީ މި ފިލްމުގެ ޑައިރެކްޓަރު އަދި ދިވެހި ހުނަރުވެރި ބަތަލް ސީޒަން އަލީ، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި މި ފިލްމުގެ ޚާއްސަ ރޯލަކުން ރާއްޖޭގެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެކްޓަރު އަހްމަދު ނިމާލް ވެސް ފެނެއެވެ.