26 Apr 2012, 12:20
ފުލުހުންގެ ވަޒީފާ އަށް ފިލައިގެން އުޅުނު ހަތަރު ފުލުހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ފުލުހުންނާ ހަވާލު ވެއްޖެ އެވެ.
ފުލުހުންގެ ވަޒީފާގައި ދެ މިތިބެ، ފުލުހުންގެ މަސައްކަތަށް ހާޒިރުނުވެ، އުޅޭ ނޫޅޭތަނެއް ނޭނގިގެން މިދިޔަ ހަފްތާ އިން ފެށިގެން ހޯދަމުން ދިޔަ ހަތަރު ފުލުހުންނަކީ، ށ. ކޮމަންޑޫ ބޯގަންވިލާ، ލާންސް ކޯޕްރަލް މުޙައްމަދު ވަހީދާއި ހަމަ އެ ރަށު އާހިޔާ، ޕޮލިސް ކޮންސްޓަބަލް އަހުމަދު ޝިހާން އާއި ކ. ގުރައިދޫ ފިނިހިޔާގެ، ލާންސް ކޯޕްރަލް މުހައްމަދު ނަޢީމާއި، ދ. ބަނޑިދޫ އޯޝަން، ޕޮލިސް ކޮންސްޓަބަލް ޝާމް ހަސަން އެވެ.
ލާންސް ކޯޕްރަލް މުހައްމަދު ނަޢީމް ފިޔަވައި އެހެން އެންމެން އަމިއްލަ އަށް ފުލުހުންނާ ހަވާލުވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އެ އެންމެން ފުލުހުންނާ ހަވާލުވީ އެކި ދުވަސް މަތިން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިލައިގެން އުޅުނު މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުންނާ ދޭތެރޭ އަމަލު ކުރަނީ ކޮން ގޮތަކަށް ކަމެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.
ސިފައިންގެ ވަޒީފާ އަށް ފިލައިގެން އުޅުނު 13 މީހަކު މިދިޔަ އަހަރު ފަހުކޮޅު ވަނީ ވަޒިފާ އިން ވަކިކޮށްފަ އެވެ.