17 May 2023, 11:19
ދިވެހި ފިލްމެއް ބެލުމުގެ ތަޖުރިބާ އަލަށްކުރި، ބޮލީވުޑްގެ ތަރި އަފްތާބް ޝިވަސްދާނީ "ލޯބިވެވިއްޖެ" ސިފަކުރީ ވަރަށް ސަޅި ފިލްމެއްގެ ގޮތުގައެވެ.
މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވަމުންދާ ފިލްމު "ލޯބިވެވިއްޖެ"ގެ ދެވަނަ ރެޑް ކާޕެޓްގައި ބައިވެރިވެ ފިލްމް ބަލާލުމަށް އަފްތާބް ރާއްޖެއަށް އައީ އާދިއްތަ ދުވަހުއެވެ. އޭނާ ރާއްޖެއައީ އެ ފިލްމްގެ ޑައިރެކްޓަރު، އަލީ ސީޒަންގެ ދައުވަތަކަށެވެ.
މި ރެޑްކާޕެޓްގައި ބައިވެރިވެ "ސަން"އާ ވާހަކަދައްކަމުން އަފްތާބް ބުނީ ފިލްމާ ދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމް ބެލި އިރު އޭނާއަށް އެންމެ ފާހަގަކުރެވުނު ކަމަކީ ފިލްމުގެ އެކްޓަރުންގެ އެކްޓިންގެ ފުރިހަމަކަން ކަމަށެވެ.
މީގެ ކުރިން ދިވެހި ފިލްމެއް ބަލާފައިނުވާ އާފްތާބް ވަނީ ފިލްމްގެ ޑައިރެކްޓާ ސީޒަން ކުރި މަސައްކަތަށް ތައުރީފުކޮށްފައެެވެ.
"މީގެ ކުރިން ދުވަހަކުވެސް އަހަރެން ރާއްޖޭގެ ސިނަމާ ތަޖުރިބާ ކޮށްފައެއް ނެތް. އެހެންވީމަ މިއީ ހަމަގައިމުވެސް ވަރަށްތަފާތު ތަޖުރިބާއެއް. ސީޒަން އަކީ އަހަންނަށް ބޭބެއެއް ކަހަލަ މީހެއް. މި ފުރުސަތު ދިން ކަމަށްޓަކައި ސީޒަންއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ"އާފްތާބް
އާފްތާބް ބުނީ ފިލްމެއް ބަލާލަން ސިނަމާއަށް ދާ މީހަކަށް އެއީ ކިހާވަރެއްގެ ކަމެއް ކަމެއް ނޭނގޭނެ ކަމަށެވެ. އެންމެ ދެ ގަޑިއިރު ސިނަމާގައި ހޭދަކޮށް އެ ފިލްމް ބަލާ އެ ކަމުދޭތޯ ނުވަތަ ނޫންތޯ ބުންޏަސް އެ ފިލްމް އުފެއްދުމަށް އެއް އަހަރު ނޫނީ ދެ އަހަރު ހޭދަވާކަމަށް އޭނާ ބުންޏެވެ.

ލޯބިވެވިއްޖެ ގެ ދެވަނަ ރެޑް ކާޕެޓްގައި ޚާއްސަ ގެސްޓެއްގެ ގޮތުގައި ބޮލީވުޑްގެ ތަރި އަފްތާބް ބައިވެރިވުން -- ފޮޓޯ/ ސަން
އެހެންނަމަވެސް އެކްޓަރެއްގެ ނުވަތަ ޑައިރެކްޓަރެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ އެ އުފައްދާ ފިލްމަކީ ބެލުންތެރިންނަށް އެންމެ ކަމުދާނެ ފަދަ ފިލްމެއްގެ ގޮތުގައި އެ ފިލްމެއް ގެނެސްދިނުމަށް މަސައްކަތް ކުރުން ކަމަށް އޭނާ ބުންޏެވެ.
"މި ފިލްމް ބަލާފަ މި ފިލްމާ ދޭތެރޭ ދެވުނީ މުޅިންވެސް ޕޮޒިޓިވް ފީޑްބެކް. މިއީ ސީޒަންގެ ވޯކްއެއް އަހަންނަށް ބަލާލެވުން އެންމެ ފުރަތަމަ ފަހަރުނަމަވެސް މި ވޯކްއާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ،"އާފްތާބް
މިހާތަނަށް ރާއްޖޭގައި ހޭދަކުރެވުނު ވަގުތުކޮޅާމެދު އަފްތާބް ބުނީ ވަރަށް ހިތްގައިމު ކަމަށެވެ. އަދި ކޮންމެ މަހަކު ދައުވަތު ލިބުނު ނަމަވެސް ރާއްޖެ އަންނަން ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ލޯބިވެވިއްޖެ" ފިލްމުގެ މެއިން ރޯލު ތަކުން ފެންނަނީ މި ފިލްމުގެ ޑައިރެކްޓަރު އަދި ދިވެހި ހުނަރުވެރި ބަތަލް އަލީ ސީޒަން، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ އަދި އަހްމަދު އީސާ (އާނަންދު)އެވެ. އަދި މި ފިލްމުގެ ޚާއްސަ ރޯލަކުން ރާއްޖޭގެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެކްޓަރު އަހްމަދު ނިމާލް ވެސް ފެނެއެވެ.
ފިލްމްގެ ޑައިރެކްޓަރު ސީޒަން ބުނި ގޮތުގައި ތަފާތު އެކި އިހުސާސްތައް ކުރުވާ މި ފިލްމާމެދު ބެލުންތެރިންގެ ފަރާތުން ވަނީ ވަރަށް ޕޮޒިޓިވް ކޮމެންޓްތައް ލިބިފައެވެ. އަދި ފިލްމްގެ މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ސީޒަން ބުންޏެވެ.
"ލޯބިވެވިއްޖެ" މި ފިލްމަކީ 2019 ވަނަ އަހަރު ޝޫޓް ކުރަން ފެށި ފިލްމެކެވެ. އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން މި ފިލްމުގެ މަސައްކަތްތަކަށް ލަސްކަމެއް އައިސް ހުއްޓުނު ނަމަވެސް، 2022 ވަނަ އަހަރު މި ފިލްމު ވަނީ އަލުން ރީޝޫޓްކޮށް ނިންމާފައެވެ.