16 May 2023, 21:50
އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލުމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ ޒުވާން ފިރިހެނަކު މާލެއިން ހައްޔަރުކޮށްފިއެވެ.
އިންޑިއާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 10 ދުވަސް އިތުރު ކޮށްދީފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އަންހެނެއްގެ ގައިގައި ނުރުހުމުގައި އަތްލުމުގެ އިތުރުން ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ ގޮތުން, ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ކަމަށް ބެލެވޭނީ މީހެއްގެ ނުގަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނުވަތަ ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުމެވެ.