ސްޕެނިޝް ލަލީގާގެ ޗެމްޕިއަން މެޑެލް ލިބޭ ބާސެލޯނާގެ ކުޅުންތެރިންގެ ތެރޭގައި ލީގުގައި އެންމެ އަށް މިނެޓު ކުޅުނު ފޯވަޑް ޕިއެރޭ އެމެރިކް އޮބަޔާން ހިމެނިއްޖެއެވެ.

ބާސާ ދޫކޮށް ޗެލްސީއަށް ބަދަލުވުމަށްފަހު ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު އޮބަމަޔާންއަށް ލިބޭ ލަލީގާގެ މެޑަލް ވެގެންދާނީ އޭނާގެ ކެރިއަރުގެ ފުރަތަަމަ ލީގު މެޑެލްއަށެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާއާ ގުޅުން ގޯސްވެ، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޮބަމަޔާން ބާސާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެ ސީޒަނުގެ ބާކީ ބައިގައި އޭނާ ބާސާއާއެކު ރަނގަޅު ކުޅުމެއް ދައްކައި، 17 މެޗުން 11 ގޯލު ކާމިޔާބުކުރިއެވެ.

ބާސާ ދޫކޮށް ދިހަ މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީއާ ގުޅުމުގެ ކުރިން މިސީޒަނުގައި އޮބަމަޔާން ވަނީ ލަލީގާ މެޗެއްގެ އަށް މިނެޓު ކުޅެފައެވެ. އެއީ ލީގުގައި ބާސާ އިން ކުޅުނު ފުރަތަމަ މެޗުގައި ރަޔޯ ވަޔެކާނޯ އަތުން ގޯލެއް ނުޖެހި އެއްވަރުވި މެޗެވެ. އެ މެޗުގައި އޮބަމަޔާން ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު އަށް މިނެޓުގައެވެ.

ބާސާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެސްޕާނިޔޯލް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހުއެވެ. މިއީ ބާސާ އިން ލީގު ޗެމްޕިއަންކަން ހޯދި 27 ވަނަ ފަހަރެވެ. ލަލީގާގެ ޕޮއިންޓް ތާވަލުގައި ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާސާއަށް 34 މެޗުން 85 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ.

އޮބަމަޔާންގެ އިތުރުން މިސީޒަނުގެ ވަކި ހިސާބެއްގައި ބާސާގެ ޖާޒީގައި ފެނުނު ޖެރާޑް ޕީކޭ އާއި ހެކްޓާ ބެލެރިން އަދި މެމްފިސް ޑިޕާއީއަށް ވެސް ލީގު ޗެމްޕިއަން މެޑެލް ލިބިގެންދާނެއެވެ.