16 May 2023, 17:30
މިސުރުގައި ބަނދެގެން ރާއްޖެ ގެނައުމުގެ މަގުމަތީގައި އެފުރިކާގެ އެރިތުރިއާގައި ތާށިވި، އެފްއެސްއެމްގެ ދެ ބޯޓުގެ ފަޅުވެރިންގެ ޙާލު ރަނގަޅުކަމަށް ފިޔުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ.
މިސުރުން ރާއްޖެ އައުމުގެ މަގުމަތީގައި ވިއްސާރަވެ، ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ހުންގާނު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން އަދި ބައެއް ފަޅުވެރިންގެ ހާލު ބޮޑުވުމުގެ ސަބަބުން އެފްއެސްއެމްގެ ދެ ބޯޓެއް ގަވާއިދާ ޚިލާފަށް އެރިތުރިއާއަށް ވަތް ކަމަށް ބަލައި ހިފެހެއްޓީ ނިމިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ މުވައްޒަފުންގެ ޙާލު މިހާރު ރަނގަޅު ކަމަށެވެ. އަދި, ފޮރިން މިނިސްޓްރީއާ ގުޅިގެން އެ ގައުމުގެ އެމްބަސީއާ މިހާރު ވެސް ދަނީ ވާހަކަދައްކަމުން ކަމަށެވެ.
"މި މައްސަލަ ދިމާވި ފުރަތަމަ ދުވަހުން ފެށިގެން އެ ގައުމުގެ އެމްބަސީއާ ފޮރިން މިނިސްޓްރީ މެދުވެރިކޮށް މިދަނީ ވާހަކަދައްކަމުން. އެންމެ ފަހުން އެ ގައުމުގެ އެމްބަސީއިން ބުނީ އެ މައްސަލަ އިންވެސްޓިގޭޓް ކުރަމުންދާ ކަމަށް،" ޤަސަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގައުމަށް ވަނީ އެ ގައުމުގެ ޕޯޓަށް ގުޅޭތޯ ގިނަ މަސައްކަތްތަކެއް ކޮށް، އެކަން ކާމިޔާބު ނުވުމުން ކަމަށެވެ.
"މި މައްސަލަ ޙައްލުވާނެ ދުވަހެއް ބުނަން ނޭނގޭ. އެކަމަކު އެ މުވައްޒަފުންގެ ޙާލު ރަނގަޅު. ތިބީ ބޯޓުގައި،" އޭނާ ވިދާޅުވިއެވެ.
އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސުރުގެ ހަތަރު ފަޅުވެރިއެކެވެ. އެ ދެ ބޯޓަކީ ރާއްޖޭގެ އެތެރޭގައި ދުއްވުމަށް ގެންނަ، 250،000 ލީޓަރުގެ ކެޕޭސިޓީގެ ދެ ބޯޓެވެ. މި ދެ ބޯޓު ހިފެހެއްޓި އެރިތުރިއާ އަކީ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ.