16 May 2023, 15:58
މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް އިމުގެ މައްސަލައިގައި ރާއްޖެއިން ބައެއް ގެއްލުމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ އިހުމާލު އެބައޮތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަކިކޮށް އޭނާއާ މެދު ފިޔަވަޅުތަކެއް އަޅައިފައިވާއިރު އެ ކަމާ ގުޅިގެން ރައީސް ނަޝީދުވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
އާޒިމް ޕާޓީން ވަކިކުރީ އިމުގެ މައްސަލައިގައި އެމްޑީޕީގެ ނިންމުމާ ޚިޔާލު ތަފާތުވެ އެ ކަމުގައި ޕާޓީން ވަކިކުރި ނަމަވެސް ފަރުވާލެއް ނެތްކަމަށް ވިދާޅުވެފައިވަނިކޮށެވެ.
އެއާއެކު ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އިމުގެ މައްސަލަ ހައްލުކުރުމަށް އެޑްހޮކް އާބިޓްރޭޝަން އުސޫލުން ކުރިއަށް ގެންދިއުމަށް މޮރިޝަސްއިން 2019ވަނަ އަހަރުގެ ޖޫން 18ގައި ހުށަހެޅިކަމަށެވެ.
ނަމަވެސް ރައީސްގެ ނިންމެވުމާއެކު އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅުމުން ރާއްޖޭގެ ބައެއް ގެއްލުނީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އިޓްލޮސްއަށް އެ މައްސަލަ ހުށަހެޅިއިރު އެކަން މަޖިލީހަށް އަންގާފައެއް ވެސް ނުވެއެވެ.
"މި ކަމުގައި މަޖިލިސްގެ ބަހެއް ވެސް ހޯދާފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިހުމާލު އެބައޮތެވެ،" ނަޝީދު ވިދާޅުވިއެވެ.
އެއާއެކު ނަޝީދު ވިދާޅުވީ ޕާޓީން ވަކިކުރަން ޖެހެނީ އާޒިމެއް ނޫން ކަމަށެވެ.
އިމުގެ މައްސަލައިގައި އެމްޑީޕީގެ ތެރެއިން ޕާޓީގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނެވެ. އެ މެމްބަރުން މަސައްކަތް ކުރައްވަނީ އިދިކޮޅު އިއްތިހާދާ ގުޅިގެންނެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ.
އަދި އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެ މައްސަލަ ކޯޓުން ނިންމީ ރާއްޖެއިން އެދުނު ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށެވެ.