16 May 2023, 14:42
އދ. މަޖިލިސް (16 މެއި 2023): ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީންނަށް ދައުލަތެއް ބިނާކޮށް އެބިމުގެ ހަގީގީ ވަޒަންވެރިންކަމަށްވާ ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބިކަކޮށް ހާލުގައި ޖެއްސި ބޮޑު މުސީބާތުގެ ދުވަސްކަމަށްވާ "ނަކްބާ"ގެ ހިތި ހަނދާންތައް ފުރަތަމަ ފަހަރަށް އދ.އިން ފާހަގަކޮށްފިއެވެ.
އަރަބި ބަހުން "ނަކްބާ"ގެ މާނައަކީ ބޮޑު މުސީބާތެވެ. ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އުފައްދައިނުދީ އެބިމަށް މާދުރުން އިސްތިއުމާރީ އުސޫލުން ހިޖުރަކޮށްގެންތިބި ޔަހޫދީންނަށް އިސްރާއީލުގެ ނަމުގައި ދައުލަތެއް އުފެއްދުން ފަލަސްތީނުންނާއި އަރަބި ގައުމުތަކުން ސިފަކުރަނީ "ނަކްބާ" ނުވަތަ ބޮޑު މުސީބާތުގެ ދުވަހުގެ ގޮތުގައެވެ.
"ނަކްބާ"ގެ ދުވަހަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީން ދައުލަތެއް އިއުލާނުކުރި ދުވަސްކަމަށްވާ 15 މެއި 1948 އެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީން ދައުލަތެއް އިއުލާނުކުރުމާއެކު އެދައުލަތް ގަބޫލުކޮށް އެދައުލަތަށް އެންމެ ފުރަތަމަވެސް އިއުތިރާފްވީ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ އަނިޔާވެރި އިސްތިއުމާރީ ބާރުތަކުންނެވެ.
ފަލަސްތީނުގެ ބިމަށް ޔަހޫދީން ހިޖްރަކުރުމުގެ ހުއްދަދިނީ އިނގިރޭސިވިލާތެވެ. އެކަން އިނގިރޭސި ދައުލަތުން ކޮށްފައިވަނީ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އުފެއްދި ބައިނަލްއަގްވާމީ ޖަމްއިއްޔާ ކަމަށްވާ ލީގް އޮފް ނޭޝަންސްގެ އުސޫލުތަކާއި ފަލަސްތީނުގެ ބިން އިނގިރޭސި ދައުލަތާ ހަވާލުކުރި މެންޑޭޓްގެ އުސޫލާ މުޅިން ޚިލާފަށް ޣައިރު ގާނޫނީ ގޮތެއްގައެވެ.

ނަކްބާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިނގާލުމެެއް
ލީގް އޮފް ނޭޝަންސް އިން މޭންޑޭޓް އުސޫލުގެ ދަށުން ފަލަސްތީނުގެ ބިން އިނގިރޭސި ދައުލަތާ ހަވާލުކުރީ ފުރަތަމަ ބޮޑު ހަނގުރާމައިގައި ތުރުކީގެ އުޘްމާނީ އިސްލާމީ ޚިލާފަތު ބަލިވެ ތުރުކީގެ އަތްދަށުގައި އޮތް އަރަބި ބިންތައް އިނގިރޭސީންނާއި ފަރަންސޭސީންގެ އަތްދަށަށް ދިޔުމާ ގުޅިގެންނެވެ.
ލީގް އޮފް ނޭޝަންސް އިން މޭންޑޭޓް އުސޫލަށް ބަލާއިރު އެއުސޫލުން ބަލަހައްޓާ ބިމެއްގެ އާބާދީގެ ހާލަތަށް ބަދަލުއަންނަފަދަ އެއްވެސް ކަމެއް ކުރުމަކީ އެބިމާ ހަވާލުވެ އޮންނަ އިސްތިއުމާރީ ބާރަށް ހުއްދަ ކަމެއްނޫނެވެ. ނަމަވެސް މެންޑޭޓް އުސޫލުން ފަލަސްތީނުގެ ބިމާ ހަވާލުވެއޮތް އިނގިރޭސީން ހެދިގޮތަކީ މިއުސޫލާ މުޅިން ޚިލާފަށް ޔޫރަޕާއި ދުނިޔޭގެ ކަންކޮޅުތަކުގެ ޔަހޫދީން ފަލަސްތީނުގެ ބިމަށް ހިޖުރަކުރުމުގެ ހުއްދަ ދިނުމެވެ.
ނަތީޖާއަކަށްވީ ޔަހޫދީން ފަލަސްތީނުގެ ބިމަށް ހިޖުރަކޮށް އެބިމަށް ވެރިވެގަތުމެވެ. އަދި 15 މެއި 1948 ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔާ ޔަހޫދީ ދައުލަތެއް އުފެއްދިކަން އިއުލާނުކުރުމެވެ. އދ.ގައި ފަލަސްތީނުގެ ނަކްބާ ދުވަސް ފާހަގަކުރަން މިފެށީ ނަކްބާގެ ދުވަސް ފާހަގަކުރުމަށް ގޮވާލައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެންނެވެ.
އެގަރާރުގައި ނަކްބާގެ ދުވަސް ހިތާމައިގެ ދުވަހެއްގެ ގޮތުގައި އދ.އިން ފާހަގަކުރަންޖެހޭނެކަމަށް ބުނާތީއެވެ. އެ ގަރާރު އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައިވަނީ އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 90 ގައުމެއްގެ ފުރިހަމަ ތާއީދާއެކުގައެވެ. މިގަރާރާ ދެކޮޅު ހަދާފައިވަނީ އެންމެ 30 ގައުމުންނެވެ. މިގަރާރަށް 47 ގައުމުން ވަކިކޮޅަކަށް ވޯޓު ދީފައިނުވާއިރު 26 ގައުމެއް ހާޒިރުނުވެއެވެ.
އެގަރާރު ފާސްކުރުމާ ދެކޮޅަށް އިސްރާއީލާއި އެމެރިކާ ވަރަށް ބޮޑަށް ގައުމުތަކަށް ފިއްތުންތައް ކުރިމަތިކޮށް ބިރުދެއްކިއެވެ. ނަމަވެސް ފަލަސްތީނުގެ މައްސަލައާ ގުޅޭ އެހެން ގަރާރުތައް ފާސްކުރުމަށް ދުނިޔޭގެ ތާއީދު ލިބޭގޮތަށް މިގަރާރު ފާސްކުރުމަށްވެސް ގިނަ ގައުމުތަކުން ތާއީދުކުރީއެވެ.
ގަރާރު ފާސްކުރުމަށްފަހު އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމާއި އިސްތިއުމާރަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕުން ކިތަންމެ ދެކޮޅު ހެދިނަމަވެސް އަދި ރުޅިއައި ނަމަވެސް މި ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރަން އދ. އާއި އދ ގެ ގުނަވަންތަކަށް މަޖުބޫރުވާނެއެވެ.
އިއްޔެ އދ.ގައި ނަކްބާގެ ބޮޑު މުސީބާތުގެ ދުވަސް ފާހަގަކުރިއިރު އެމެރިކާއާއި އިސްރާއީލު ގެންދިޔައީ އދ.ގެ ރަސްމީ މި ހަރަކާތުގައި ބައިވެރިނުވުމަށް ދުނިޔޭގެ ގައުމުތަކަށް ބާރުއަޅައި އާދޭސް ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ވަރަށް ކުދިކުދި މަދު އަދަދެއްގެ ގައުމުތަކުން ނޫނީ އެމެރިކާގެ މިފިއްތުންތަކަށް ބޯލަނބާފައެއް ނުވެއެވެ. އދ.އިން އިއްޔެ ފާހަގަކުރި އދ.ގެ ނަކްބާގެ ދުވަހުގެ ހަފުލާގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ބައިވެރިވެވަޑައިގެން ވަނީ ޚިބާތެއް ދެއްވާފައެވެ.