އެމްޑީޕީ އިން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ބައިވެރިވަޑައިގެން، ޖަލްސާގާއި ވާހަކަ ދައްކަވަން ފެއްޓެވުމުން އޭނާއާ ދެކޮޅަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް "ތިޔައީ ބާޣީއެކޭ" ބުނެ އަޑުއުފުލައި އެއްޗެތި އުކައިފި އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ ޕާޓީގެ ޗެއާޕާސަން މޫސަ މަނިކު ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ޑީޑީ ވާހަކަ ދެއްކުމަށް ސްޓޭޖަށް އަރައިވަޑައިގަތުމުން ސްޑޭޖުން ފޭބުމަށް އެމްޑީޕީގެ ގިނަ ބަޔަކު ވަނީ ގޮވައި އަޑުއުފުލައިފަ އެވެ. އަދި އެ މީހުން ގޮވަމުން ދިޔައީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށާއި "ޕާޓީ ދޫކޮށް ދިޔުމަށެ"ވެ.

އަދި ޑީޑީ ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު މުޅި ތަނުން ވަނީ ކަރަންޓް ގޮސްފަ އެވެ. އަދި އެ ވަގުތު އޭނާ ދިމާލަށް ފުޅި އާއި ފައިވާން ފަދަ ތަކެތި އުކާފައިވެ އެވެ.

ޑީޑީގެ ވަރަށް ގާތް ބޭފުޅަކު މަސްލަހަތަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް، ސަން އަށް މިއަދު ވިދާޅުވީ ޑީޑީ މީގެ ކުރިން އުސްފަސްގަނޑަށް ވަޑައިނުގަންނަވާ ކަމަށާއި ރޭ ވަޑައިގަތީ އެ ޕާޓީގެ އިސް ލީޑަރު މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށެވެ. ނަމަވެސް އެމްޑީޕީ މެންބަރުން ޑީޑީއާ އެ ގޮތަށް ދިމާކުރީ އެއީ ޑީޑީ ހިއުމިލޭޓް ކުރުމުގެ ގޮތުން ނަޝީދު އަޑީގައި ހުންނަވައިގެން ކުރި ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭނާ އެހެން ވިދާޅުވިއަސް، ޑީޑީއާ ދެކޮޅަށް އެ ޕާޓީގެ މެންބަރުން އަޑުއުފުލި އިރު، ނަޝީދާއި ޗެއާޕާސަންގެ އިތުރުން އެމްޑީޕީގެ އެހެން އިސް މެންބަރުން ގެންދެވީ އެތަނުގައި ހަމަނުޖެހުން ނުހިންގުމަށާއި ޑީޑީގެ ވާހަކަތައް އަޑުއެހުމަށް ނަސޭހަތްތެރިވަމުން ނެވެ.

ޑީޑީގެ ވާހަކައިގައި ވިދާޅުވީ އެމްޑީޕީ އަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި ކޮންމެ މީހަކަށް ވެސް އެކަކު އަނެއް ކަކަށް ފާޑު ކިއުމުގެ މިނިވަންކަން އޮންނަ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީ ބައިބައިކޮށް ނުލެވޭނެ ކަމަށާއި ނަޝީދު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން އަދި އެމްޑީޕީ ވެރިކަމަށް އަންނާނެ ކަމަށާއި ރާއްޖޭގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބުނާ ބުނުން ހުއްޓާ ނުލައްވާނެ ކަމަށް ޑީޑީ ވިދާޅުވި އެވެ.

ޖަލްސާ ނިމުމުން ނަޝީދު އަރިހުގައި ޑީޑީ ވަޑައިގެންނެވި ވަގުތު ވެސް ބައެއް މީހުން ވަނީ ޑީޑީ ފަހަތުން އަޑު ގަދަކުރަމުން ގޮސްފަ އެވެ.