16 May 2023, 11:27
ބަޣްދާދު (16 މެއި 2023): އީރާން އާއި މިސްރު ސުލްހަވެ، ދެގައުމުގެ ގުޅުންތައް އަލުން އިއާދަކުރުމުގެ ވާހަކަތަކެއް އިރާގުގައި ކުރިޔަށްދާކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކައުންސިލުން ހާމަކުރިގޮތުގައި އިރާގު މެދުވެރިއަކަށް ވެގެން ބަޣްދާދުގައި ކުރިޔަށްގެންދާ މި ވާހަކަތައް ދަނީ ރަނގަޅު މިސްރާބަކަށެވެ. އިރާގާއި މިސްރުންވެސް ވަނީ އީރާނާއި މިސްރު ސުލްހަވުމުގެ ވާހަކަތަކެއް އިރާގުގެ ބެލުމުގެ ދަށުން ކުރިޔަށްދާކަން ހާމަކޮށްފައެވެ.
އީރާނުގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އީރާނާއި މިސްރު ސުލްހަ ވުމުގެ ވާހަކަތަކުގެ އަމާޒަކީ ދެގައުމުގެ މެދުގައި ކެނޑިފައިވާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކޮށް އެދެގައުމުގެ ދެމެދުގައި ޑިޕްލޮމޭޓުން ބަދަލުކޮށް ވިޔަފާރީއާއި އިގްތިސާދީ މުއާމަލާތްތައް އަލުން ފެށުމެވެ.
މިސްރާއީ އީރާނުގެ ގުޅުންތައް ކެނޑުމުގެ ފެށުން އައީ އީރާނުގެ ކުރީގެ ޑިކްޓޭޓަރު އަދި އެގައުމުގެ ކުރީގެ ރަސްގެފާނު ޝާހު މުހައްމަދު ރިޒާ ޕަހެލަވީގެ ވެރިކަން ވެއްޓުމާއެކު އެމެރިކާ މެދުވެރިއަކަށް ވެގެން 1979 ވަނަ އަހަރު މިސްރުން އޭނާއަށް ހިމާޔަތްދިނުމާއި 1978 ވަނަ އަހަރު މިސްރުން އިސްރާއީލަށް އިއުތިރާފުވެ އިސްރާއީލާ ގުޅުންތައް ގާއިމްކުރުމާ ގުޅިގެންނެވެ.
ނަމަވެސް އޭރުއްސުރެ މިހާ ދިގުމުއްދަތެއް ވަންދެން އެދެގައުމު އަލުން ސުލްހަނުވެ ގުޅުންތައް ގާއިމްނުކޮށް އޮތުމުގެ ފަހަތުގައިވަނީ މިސްރުގެ މައްޗަށް ހިނގާ އެމެރިކާގެ ބާރާއި ނުފޫޒެވެ. އަރަބި ގައުމުތަކާ އީރާން ޖައްސުވައި އީރާނަކީ ސަރަހައްދަށް އޮތް ބިރެއްގެ ގޮތުގައި ދައްކައިގެން އެ ސަރަހައްދުގައި އީރާން އެކަހެރި ކޮށްފައި ބޭއްވުމަކީ އެމެރިކާގެ މަގްސަދެކެވެ.
އަރަބި ގިނަ ގައުމުތައް އެމެރިކާގެ ބަސްއެހި ދުވަސްވަރު އެމެރިކާގެ ބާރާއި ނުފޫޒު އާދަޔާ ޚިލާފަށް މެދުއިރުމަތީގައި ބޮޑުދުވަސްވަރު އެމެރިކާ މިކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ކުރިއެވެ. ނަމަވެސް ކުރިއާ ޚިލާފަށް މެދުއިރުމަތީގައާއި އަރަބި ގައުމުތަކުގައި އެމެރިކާ ހިންގަމުންގެންދިޔަ ބާރާއި ނުފޫޒަށް މިފަހަކަށް އައިސްވަނީ ވަރަށްބޮޑަށް ލޮޅުން އަރަންފަށާފައެވެ.
މިކަން އެނގެނީ ޗައިނާ އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ވަރަށް ބާރުގަދަ ގޮތެއްގައި މެދުއިރުމައްޗަށް ވަނުމާއި އެމެރިކާގެ ދެކޮޅު ހެދުންތަކާއެކުވެސް ސައޫދީން އީރާނާ ސުލްހަވުމާއި ސޫރިޔާ އަލުން އަނބުރައި އަރަބި ސަފަށް ގެނައުމަށް އަރަބި ގައުމުތަކުން ނިންމި ނިންމުމުންނެވެ.
މީގެއިތުރުން ރަޝިއާއާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅުތަކުގައި ބައިވެރިވުމަށް އެމެރިކާ ކުރިމަތިކުރި ފިއްތުންތަކަށް އަރަބި އެއްވެސް ގައުމެއް ބޯނުލެނބުމާއި ޑޮލަރާނުލައި ރަޝިއާއާއި ޗައިނާއާއެކު ވިޔަފާރީގެ މުއާމަލާތްތައް އަރަބި ގިނަގައުމުތަކުން ފެށުމަކީވެސް މެދުއިރުމަތީގައާއި އަރަބި ގައުމުތަކުގައި އެމެރިކާ ހިންގަމުންގެންދިޔަ ބާރާއި ނުފޫޒަށް ވަރަށް ބޮޑު ލޮޅުން އެރިކަން ހާމަވެގެންދިޔަ ކަންކަމެވެ. މީގެއިތުރުން ކުރިއާ ޚިލާފަށް އެމެރިކާ ނުރުހޭ ކަންކަން ކުރިނަމަވެސް އަރަބި ގައުމުތަކާ ދެކޮޅަށް ފިޔަވަޅުއަޅަން އެމެރިިކާ ފަސްޖެހުމަކީވެސް މިކަމުގެ ހެއްކެކެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން ބައިނަލްއަގްވާމީ ފޯރަމެއްގެ ތެރެއިން ދާދިފަހުންވަނީ މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއާ ބައްދަލުކުރައްވާފައެވެ. ނަމަވެސް އީރާނާއި މިސްރުން ރަސްމީ ސިފައެއްގައި މިކަމާބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ މަސްއޫލުވެރިއަކުވަނީ އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ލަސްތަކެއްނުވެ ބައްދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.