މާލޭ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ ފޮޓޮއެއް ސޯޝަލް މީޑިއާގަައި އާންމުވުމާއެކު، އެ ގޭގައި އޮސްޓްރިޗް ގެންގުޅޭ މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މި ކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "ސަން"އަށް ވިދާޅުވީ ރަސްމީކޮށް އެ ކަން މިނިސްޓްރީއަށް ހުށަހަޅައިފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން އެ ކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ރަސްމީކޮށް އެކަން އަންގައިފައެއް ނުވޭ. އެ ކަމު ސޯޝަލް މީޑިއާއިން ފެނިފައިވާތީ އެ ކަން މި ބަލަނީ،" ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ ރާއްޖޭގައި އޮސްޓްރިޗު ގެންގުޅުމުގެ ހުއްދަ އެ މިނިސްޓްރީން ދޫކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް އެއީ ޕޯލްޓްރީ ފާމްތަކުގައި އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ އެ މައްސަލައިގައި މިނިސްޓްރީން އަޅާނެ ވަކި ފިޔަވަޅެއް އެ ކަން ބެލުމަށްފަހު ހާމަކުރާނެކަމަށެވެ.

ފޮޓޯއިން ފެންނަ އޮސްޓްރިޗު ރާއްޖެއަށް އެތެރެކުރަން ހުއްދަ ވެސް ވަަނީ ދޫކޮށްފައެވެ. އެ އޮސްޓްރިޗުގައި ފަސްފޫޓު ހުންނާނެކަމަށް ބެލެވެއެވެ. ފޮޓޯއިން ފެންނަނީ މީހަކު އެ އޮސްޓްރިޗު ކައިރީ ހުއްޓި އޭގައި އަތް އަޅައިގެން ހުންނަ މަންޒަރެވެ.