ހދ. މަކުނުދޫގައި ވިޔަފާރިކޮށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން އެ ރަށުން 24 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، އެ ކަމަށް ކުރިމަތިލުމަށް އެ ރަށު ކައުންސިލުން ހުޅުވައިލައިފިއެވެ.

އެ ރަށު ކައުންސިލުގެ ނައިބު ރައީސް ފާތިމަތު ޝިފާޒާ "ސަން"އަށް ވިދާޅުވީ މިއީ މަކުނުދޫގައި ކުރެވޭ އިގްތިސާދީ މަސައްކަތްތައް ވީހާ ވެސް ގިނަކޮށް ރަށުގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރަން ނިންމި ކަމެއް ކަމަށެވެ.

މިއީ ރަށުގެ ރައްޔިތުންނަށާއި ރަށުން ބޭރު އެހެން ހުރިހާ ވިޔަފާރިތަކަށް ވެސް އޮތް ފުރުސަތެއްކަމަށް ޝިފާޒާ ވިދާޅުވިއެވެ.

"އާންމު ގޮތެއްގައި މިފަދަ ކަންކަމަށް ހުޅުވާލުމުން ކުދި ވިޔަފާރިތަކުން ކުރިމަތިލަނީ. ނަމަވެސް އަޅުގަނޑުމެން މިހާރު މި ހުޅުވާލީ ހަމަ ބޮޑެތި ކަންކަމަށް. އެހެންވީމާ ހަމަ ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ވެސް ފުރުސަތު އޮންނާނެ،" ޝިފާޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ބިންތަކުގައި ގެސްޓު ހައުސް ވިޔަފާރިއާއި ކެފޭ ހޮޓާ ފަދަ ތަންތަން ހިންގުމާ އެ ނޫން ވެސް ވިޔަފާރިތައް ހިންގުމަށް ފުރުސަތު އޮންނާނެކަމަށެވެ.

އަދި ބިމު ކުލި ވެސް ހަމަޖައްސައިފައި ހުންނާނީ ވިޔަފާރިވެރިންނަށް ވެސް އެކަށޭނަ ރަނގަޅު ރޭޓެއްގައިކަމަށެވެ.

މަކުނުދޫއިން ބިން ކުއްޔަށް ނަގަން ބޭނުންވާ ވިޔަފާރިވެރިންނަށް މިހާރުވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

އެ ފުރުސަތު އޮންނާނީ ބީލަން ހުށަހަޅަން ރަޖިސްޓްރީކޮށްގެނެވެ. ބީލަން ހުށަހަޅަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 24ވަނަ ދުވަހުގެ 23:00ގެ ނިޔަލަށް އޮންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރެވޭނީ އެ ކަމަށް ޚާއްސަ އޮންލައިންލިންކުމެދުވެރިކޮށެވެ.

ބީލަން ހުޅުވުން އޮންނާނީ 25ވަނަ ދުވަހު ހެނދުނު 11:00ގައި އެ ރަށު ކައުންސިލް އިދާރާގައެވެ.

މި ކަމާ ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން ޝިފާޒާ ވިދާޅުވީ މިއީ ރަށުގެ އިގްތިސާދަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މިއީ ހަމަ އަޅުގަނޑުމެންގެ އިގްތިޞާދު ރަނގަޅުކުރުމަށް ކުރާ ކަމެއް. އަޅުގަނޑުމެން މި މަސައްކަތަށް ބިން ދޫކުރާނީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި ފާސްކޮށްފައިވާ ތަންތަނުން،" ޝިފާޒާ ވިދާޅުވިއެވެ.

އެގޮތުން އާމްދަނީ އިތުރުވެ ވަޒީފާގެ ފުރުސަތު އިތުރުވާނެކަމަށް ކައުންސިލުން އުންމީދުކުރެއެވެ.