ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ އަމީތާބް ބައްޗަންއާއި އަނުޝްކާ ޝަރުމާ ހެލްމެޓް ނާޅާ ސައިކަލް ދުއްވި މައްސަލައެއް ސޯޝަލް މީޑިއާގައި ތިލަވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ ދެ ތަރިންވެސް ހެލްމެޓް ނާޅާ ސައިކަލެއްގެ ފަހަތުގައި އިންނަ މަންޒަރެވެ. މިފޮޓޯތަކާއެކު މުމްބާއިގެ ފުލުސް އޮފީހަށްވަނީ މި ދެތަރިންގެ މައްސަލަ ހުށަހަޅާފައެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ފަރާތްތަކެއްގެ މެދުގައި ދައުރުވަމުންދާ މި ފޮޓޯތަކާއެކު މުމްބާއިގެ ފުލުހުންގެ ފަރާތުންވަނީ މިމައްސަލަ މުމްބާއީގެ ޓްރެފިކް ބްރާންޗާ ހިއްސާކޮށްފައި ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެއެވެ.

އަމީތާބް ދާދިފަހުން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މިފޮޓޯގައި ފެންނަނީ އެކްޓަރުގެ ސަޕޯޓަރަކާއެކު ސައިކަލްގެ ފަހަތުގައި ހުރެގެން ދަތުރުކުރާ މަންޒަރެވެ. މިފޮޓޯއާއެކު ސައިކަލް ދުއްވި މީހާއަށް ޝުކުރު އަދާކޮށްފައިވާ މެސެޖެއްވެސް އަމީތާބްވަނީ ހިއްސާކޮށްފައެވެ.

އެގޮތުން އެއީ ނުވެސް ދަންނަ މީހަކަށްވާއިރުވެސް އަމީތާބް އެދުވަހު މަސައްކަތްކުރި މަންޒިލަށް ގެންގޮސްދިނީތީ ޝުކުރު އަދާކޮށް، މުމްބާއިގެ ޓްރެފިކްގައި ތާށިނުވެ އެދުވަހު މަސައްކަތަށް ދެވުނީ އެޒުވާނާގެ ސަބަބުންކަމަށް އަމީތާބްވަނީ ބުނެފައެވެ.

މި ފޮޓޯއާއެކު އަނުޝްކާގެ ބޮޑީ ގާޑާއެކު އޭނާ ސައިކަލްގައިދާ ވީޑިއޯއެއްވެސް ޓްވިޓާގައިވަނީ ދައުރުވާން ފަށާފައެވެ. ޓްވިޓާގައި ދައުރުވަމުންދާ މި ފޮޓޯ އާއި ވީޑީއޯއާ ގުޅިގެން ދެ ތަރިންގެ ފަރާތުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

އިންޑިއާގައި ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމަކީ ކޮންމެހެންވެސް ކުރުން ލާޒިމުކަމެކެވެ. މިގަވައިދާ ޚިލާފުވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި 1000 ރުޕީސް ދައްކަންޖެހެއެވެ. އަދި ބައެއް ހާލަތްތަކުގައި އުޅަނދު ދުއްވާ މީހާގެ ލައިސަންސް ބާތިލުކުރުން ނުވަތަ ތިން މަހަށް ޖަލު ހުކުމެއް އައުންވެސް އެކަށީގެންވެއެވެ.