16 May 2023, 09:10
ހޮލީވުޑްގެ ބައެއް ފިލްމުތައްވެސް ކުޅެމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް ފިލްމު "ފާސްޓް އެކްސް"ގެ ޕްރިމިއާގައި ބައިވެރިވެއްޖެއެވެ.
ފިލްމު "ފާސްޓް އެކްސް"އަކީ، އެކްޓަރު އަލީ ފަޒަލް ހޮލީވުޑްއަށް ތައާރަފުވި ފުރަތަމަ ފިލްމު "ފިއުރިއަސް 7"ގެ އެންމެ ފަހު ބައެވެ. ބޮޑު ކާސްޓެއް ހިމެނުނު ފިލްމު "ފިއުރިއަސް7"ގައި އަލީ ފަޒަލް ފެނިފައިވަނީ ވިން ޑީސަލް ފަދަ އެކްޓަރުންނާއެކުއެވެ.
މި ފްރެންޗައިޒްގެ ކުރީގެ ބައިތަކުން ފެނިފައިވާ ގިނަ ތަރިންނާއެކު ބޭއްވި ފިލްމުގެ ޕްރިމިއާ އިވެންޓުގައި އަލީ އަފްޒަލް ވަނީ އެކީގައި މަސައްކަތްކުރި ހޮލީވުޑްގެ ގިނަ ތަރިންނާ ބައްދަލުކޮށްފައެވެ. އިޓަލީގެ ރޯމްގައި ކުރިޔަށްދިޔަ މިޕްރިމިއާ އިވެންޓުގެ ފޮޓޯތަކެއް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރަމުން އަލީ އަފްޒަލް ބުނެފައިވަނީ، ރޯމް ފަދަ ތާރީޚީ ސިޓީއެއްގައި ބޭއްވި ޕްރިމިއާއަށް ދައުވަތު ދިން ކަމަށްޓަކައި ކޯ އެކްޓަރު ވިން ޑީސެލްއަށް ޝުކުރުއަދާކުރާކަމަށެވެ.
ހޮލީވުޑްގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިން ޑީސެލްއަކީ ވަރަށް ހިތްހެޔޮ މީހެއްކަމަށާއި "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިސްގެ ތަރިންނަކީ މިހާރު ބޮޑު އެއް އާއިލާއެއްކަމަށް އަލީ ފަޒަލް ވަނީ ސިފަކޮށްފައެވެ. އަދި މީގެ ފަހަތުގައިހުރީ އެކްޓަރު ވިން ޑީސެލްކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.
މިފިލްމަކީ، ހޮލީވުޑަށް އޭނާ ތައާރަފުކޮށްދިން ފިލްމު ކަމަށާއި އިންޑިއާއިން ބޭރުގެ ފިލްމުތަކުން ފުރުސަތު ލިބުމުގެ ފެށުންކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.
"ފާސްޓް އެކްސް" މިމަހުގެ 12ވަނަ ދުވަހު އިޓަލީގެ ރޯމްގައި ޕްރިމިއާކޮށްފައިވީ ނަމަވެސް ޔޫރަޕްގެ އެހެން ގައުމުތަކުގައި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަދެވެ. އަދި އެމެރިކާގައި މިފިލްމު ރިލީޒްކުރާނީ މިމަހުގެ 19އިގައެވެ.
އެކްޓަރު އަލީ ފަޒަލް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ހޮލީވުޑް ފިލްމަކީ، މިމަހުގެ 26ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ކަންދަހަރް"އިންނެވެ. އަލީ ފަޒަލްއާއެކު ފިލްމުން ހޮލީވުޑްގެ އެކްޓަރު ޖެރަޑް ބަޓްލާވެސް ފެންނާނެއެވެ.