16 May 2023, 08:40
މިދިޔަ ހަފުތާގައި ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓްގައި އަނެއްކާ ވެސް މުހިންމު ބައްދަލުވުމެއް ބޭއްވެވިއެވެ. އެއީ, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން ކަމަށްވާ ފިކުރެއްގެ ދިރުމާއި ގާސިމްގެ މަޝްވަރާތަކަށެވެ.
އެ ބައްދަލުވުން ވެގެން ދިޔައީ ގާސިމް ބޮޑު ނިންމުމެއް ހާމަކުރެއްވި ބައްދަލުވުމަކަށެވެ.
"ގާސިމް ވިދާޅުވި އެ ފެކްޝަންގެ ބޭފުޅުންގެ ގާތުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރުމުގެ ވިސްނުން އެ މަނިކުފާނު ނުގެންގުޅުއްވާ ވާހަކަ. ޖުމްހޫރީ ޕާޓީގެ ނަމުން ވެސް އެނގޭނޫންތޯއޭ ޕާޓީއާއި އެ މަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށް. ސީދާ އެގޮތަށް ދެންނެވި،" ޖޭޕީގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން ގާސިމްއާ އެކު ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ޖޭޕީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގާސިމަށް ތާއީދު ކުރެއްވުމަށް ނަޝީދު ނިންމަވައި ހުށަހެޅުއްވި ހުށަހެޅުންތަކުގެ އެންމެ ކުރީގައި އޮތް ކަމަކީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މީހަކު އިންތިޚާބުކުރުމެވެ. އަދި، ގާނޫނު އަސާސީގައި ކަނޑައަޅައި ހާލަތްތަކެއްގައި ރައްޔިތުންގެ މަޖިލިސް އުވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމާއި ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރެއް އިނުމާއި ރައްޔިތުންގެ މަޖިލީހުން ނަގައި ވޯޓަކުން ބޮޑުވަޒީރު ހޮވާ ގޮތަށް ނަޝީދު ހުށަހެޅުއްވިއެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ނަޝީދު ޒަމާނުންސުރެއް ކުރައްވާ އުއްމީދެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ވެސް މައްސަލަ ޖެހިވަޑައިގެން މައިގަނޑު އެއް ސަބަބަކީ ރައީސް ޞާލިޙް، އެ ފުރުސަތު ނުދެއްވުމެވެ. ނަޝީދު، ރައީސަށް މެސެޖް ކުރައްވައި އެދިވަޑައިގަތީ ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު ދެއްވުމަށެވެ. ނަމަވެސް ރައީސް އެކަމާ ދެކޮޅު ހެއްދެވިއެވެ. ރައީސާ ދެކޮޅަށް ނުކުންނެވީ އެ ހިސާބުންނެވެ.
ގާސިމްގެ ވެރިކަމުގައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ހުށަހެޅުއްވި އެ ހުށަހެޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ޖޭޕީއިން ކޮމެޓީއެއް ވެސް އެކުލަވައިލިއެވެ. ނަމަވެސް އަބަދު ވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ ގާސިމް މި ވަނީ އެ މަނިކުފާނު އެ ކަމަށް އެއްބަސް ނުވާނެކަން ވިދާޅުވެފައެވެ. އެއާ އެކު ފިކުރެއްގެ ދިރުމުގެ ބޭފުޅުންގެ ރާގު މިވަނީ ބަދަލުވާން ފަށައިފައެވެ.
ކަނޑު ހޯދުމަށް އެކުލަވާލާފައިވާ ކޯލިޝަންގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް ހިމެނޭ ގޮތަށް ގިނަ ޕާޓީތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ޖޭޕީއާއި އެމްއެންޕީއާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ދެން ހިމެނެނީ ފިކުރެއްގެ ދިރުމެވެ.
އެ އިއްތިހާދުގައި ހިމެނޭ ޕާޓީއެއްގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި ނަޝީދުގެ މިހާރުގެ ޕްލޭނަކީ ރައީސް ޞާލިހް ރިޔާސީ އިންތިޚާބުން ބަލި ކުރެއްވުމަށް އެ އިއްތިހާދު ބޭނުން ކުރުމެވެ.
"ގާސިމް އެއްބަހެއް ނުވޭ ނަޝީދު ވިދާޅުވާހާ ކަމަކަށް. އަދި، ނަޝީދަށް މާ އިތުބާރު ކުރައްވާހެނެއް ހިޔެއް ނުވޭ. އެހެންވެ ގާސިމް ގޯސްވެއްޖެ މިހާރު ނަޝީދަށް. އެހެންވެ، މި އިއްތިހާދުގެ ތެރެއިން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ނަޝީދު ގެންގުޅުއްވާ ކަމަށް ބެލެވޭ. އެ ކަމަށް ބާރު ލިބޭ ކަންތައްތަކެއް އެބަ ހިނގާ،" އެ ބޭފުޅާ ވިދާޅުވިއެވެ.
ނަމަވެސް އެ އިއްތިހާދުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީ، ޕީޕީއެމް/ޕީއެންސީ ލީޑުކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަނޑު ހޯދުމަށް އުފެއްދި އިއްތިހާދަކީ ރިޔާސީ އިންތިޚާބަށް އެކުލަވައިލި ކޯލިޝަނެއް ނޫން ކަމަށެވެ. އެ އިއްތިހާދުން ދެން ތިބި ޕާޓީތަކުގެ ބޭފުޅުން ވެސް ވިދާޅުވީ އެފަދައިންނެވެ. އިއްތިހާދާއި އިންތިޚާބާ ގުޅުމެއް ނެތް ކަމަށެވެ.
ސިޔާސީ ކުޅިބައި އަތުރަން މޮޅު ނަޝީދު މިހާތަނަށް ވެސް އެ ހޯދެއްވީ އެ މަނިކުފާނަށް ކާމިޔާބީއެކެވެ. ޖޭޕީއާ އެކު މި ސަރުކާރު ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށެވެ. އެހެން އޮއްވައި ކޮންމެ ގޮތަކުން ވެސް ރައީސް ޞާލިހް އިންތިޚާބުން ބަލި ކުރެއްވުމަށް ބޭނުންފުޅުވާތީ ނަޝީދު، ގާސިމަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ހުވަފެން ދެއްކެވީއެވެ. އެއާ އެކު ގާސިމާއި މި ސަރުކާރުގެ ގުޅުން ގޯސް ކުރެއްވިއެވެ. ޖޭޕީއިން މި ސަރުކާރާ އެކު ރިޔާސީ އިންތިޚާބަށް ނުކުތް ނަމަ ސަރުކާރު ވަރަށް ބާރުގަދަ ވީހެވެ. ނަމަވެސް ގާސިމް އިންތިޚާބުގައި ވަކިން ވާދަ ކުރައްވާނެކަން އެއީ މިހާރު ޔަގީންވާ ކަމެކެވެ. އެ ކަމަށް އެންމެ މަގުފަހި ކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ.
އަންނަ މަހު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ޖޭޕީން ފެށުމަށް ނިންމާފައިވާއިރު ކެމްޕެއިން މެނޭޖަރުން ވެސް ވަނީ ހަމަޖައްސާފައެވެ. އެ މަގާމަށް ހަމަޖެއްސީ ގާސިމްގެ ދެ އެޑްވައިޒަރުން ކަމަށްވާ އަމީން އިބްރާހީމާއި އިލްހާމް އަޙްމަދެވެ. ފިކުރެއްގެ ދިރުމުގެ ހިއްސާއެއް އެ ކަމަކުން ނުފެނުނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މުހައްމަދު ޒައިން އިބްރާހިމް - އަވަސް
ގާސިމާއި ނަޝީދު އެކުގައި މި ފަހުން ސިޔާސީ މަސައްކަތް ފެށީ ވަރަށް ފޯރީގައެވެ. ގިނަ ބައްދަލުވުންތައް ވެސް ބޭއްވެވީ ގާސިމްގެ ރީތި ރިސޯޓް ކަމަށްވާ ސަން އައިލެންޑްގައެވެ. ގުރޫޕް ގުރޫޕަށް އެތައް ބޭފުޅުންނެއް ރިސޯޓަށް ވަޑައިގެން އެކުގައި ގިނަ ފޮޓޯތަކެއް ނެންގެވިއެވެ. ނަމަވެސް އޭރު ވެސް ގިނަ ބަޔަކު ބުނަމުން އައީ އެއް ވާހަކައެކެވެ. އެ ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން މުޅިން ތަފާތު ވިސްނުމަކާއި ތަފާތު މިސްރާބެއްގެ ދެ ބޭފުޅުންނަށް ވާތީ އެކުގައި ނޫޅެވޭނެ ވާހަކައެވެ. މާޒީން އެކަން ސާފުވާތީއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދިނުމުގެ ދަތުރުގައި ނަޝީދާއި ގާސިމަކީ މުހިންމު ދެ ބައިވެރިންނެވެ. ނަޝީދަށް 2008ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުނީ ގާސިމްގެ ބޮޑު ތާއީދަކާ އެކުއެވެ. އެ ފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް މައުމޫނާއި ނަޝީދަށް ފުރުސަތު ލިބުމުން ގާސިމް އެރުއްވީ ނަޝީދު ފަޅިއަށެވެ. ކޯލިޝަން ހައްދަވައި ނަޝީދުގެ އުއްމީދީ ވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރަކީ ގާސިމެވެ. ނަމަވެސް އެ ގުޅުމަށްވީ އެންމެ 23 ދުވަހެވެ. ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ގާސިމް އިސްތިއުފާ ދެއްވާ ސަރުކާރާ ފެޔަށް ޖެހިވަޑައިގަތެވެ. ހަމަ އެންމެ މަހެއް ވެސް ނުވަނީހެވެ.
ސިޔާސީ މަޅި ޖައްސަވަން ނަޝީދަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ. މިހާރު އެ މަނިކުފާނުގެ ހުރިހާ ވެސް އަމާޒަކީ ރައީސް ޞާލިޙަށް އިންތިޚާބު ނާކާމިޔާބު ވާނެ ގޮތްތަކެއް ރޭއްވެވުމެވެ. ނަޝީދުގެ ހުރިހާ ވެސް ވިސްނުމަކީ އެ މަނިކުފާނުގެ ސިޔާސީ ކުރިމަގެވެ. އެ މަނިކުފާނަށް އެމްޑީޕީ އަލުން ކިރިޔާ ވެސް ލިބެން އޮތީ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ނާކާމިޔާބު ވުމުންނެވެ. އެހެންކަމުން ނަޝީދު ނުކުންނަވައި އެ ހުންނެވީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރައީސް ޞާލިޚް އިންތިޚާބުން ނާކާމިޔާބު ކޮށްލުމަށެވެ. އެ ރޭވުމުގެ ތެރެއިން ގާސިމާއި ސަރުކާރާ ފެޔަށް ޖައްސުވައިފިއެވެ. މިހާރު އެ މަސައްކަތް ކުރައްވަނީ އިމުގެ މައްސަަލައިގައި އެކުލަވައިލި އިއްތިހާދުން ކެންޑިޑޭޓެއް ނެރޭށެވެ.
މި ނިންމުންތަކާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ރަސްމީ ބަހެއް ހޯދުމަށް އެ ޕާޓީގެ އިސް ތަރުޖަމާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ޕާޓީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނަޝީދުގެ ފެކްޝަންގައި މަސައްކަތް ކުރައްވާ އެމްޑީޕީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އާ މި ސުވާލު ކުރުމުން އޭނާ ވަނީ އެކަން ދޮގު ކުރައްވައިފައެވެ. ފިކުރެއްގެ ދިރުމާއި ގާސިމާ އަދިވެސް ދަނީ އެކުގައި މަސައްކަތް ކުރަމުން ކަމަށާއި އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމްގެ އަމަލުފުޅަށް ބަލާއިރު ފުދިގެން ހުންނެވިކަން މި ނިންމުމާ އެކު ހާމަވެއެވެ. ނަޝީދު ރުއްސައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރެއްވެން ގާސިމަށް އޮތެވެ. ނަމަވެސް ޒަމާނުންސުރެއް ގަބޫލު ނުކުރައްވާ ބަރުލަމާނީ ނިޒާމުގެ ހުށަހެޅުމަށް ސީދާ ދެކޮޅު ހައްދަވަން ކެރިވަޑައިގަތީއެވެ. އެއާ އެކު ނަޝީދުގެ ކުޅިބައި ބަދަލު ކުރައްވައި އެ މަނިކުފާނު މި ވަނީ ގާސިމާ ފެޔަށް ޖެހިވަޑައިގަންނަވަން ފައްޓަވައިފައެވެ.