ޔުނިވާސިޓީގައި ދަރިވަރަކު ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޚާއްސަ ސްކޮލާޝިޕެއް ދޭން ނިންމައިފިއެވެ.

އެ ސްކޮލާޝިޕް ތައާރަފުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އިއުލާނު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ މެރިޓް ސްކޮލާޝިޕްގެ ނަމުގައި ފަށާ، އެ ސްކޮލާޝިޕް ސްކީމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލާޝިޕް ލިބޭނީ، ރައީސްގެ ޚާއްސާ އެވޯޑާއި ހައި އެޗީވާސް ސްކޮލާޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް ކަމަށެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، ހަޔާ އެޑިއުކޭޝަނުން ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ އިތުރުން އެ ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވެސް ވަނީ ވާހަކަދައްކަވައިފައެވެ. މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވީ، ގައުމު ތަހުޒީބު ވާނީ އެކި ދާއިރާތަކުން މަތީ ތައުލީމު ހޯދާ ދަރިވަރުން، އެނބުރި ގައުމަށް އައިސް، ގައުމަށް ޚިދުމަތް ކުރުމުން ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން--- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ ގައުމު ބިނާ ކުރުމަށް ބޭނުންވަނީ ހަމައެކަނި ހުނަރުވެރި، ފަންނުވެރި، ހީވާގި، އަދި މުރާލި މަސައްކަތްތެރިން އެކަނި ނޫން ކަމަށެވެ. އޭގެ އިތުރުން ކިޔަވައިގެން ތިބި މޮޅެތި ސިކުނޑިތައް ވެސް ގައުމަށް ބޭނުންވާ ކަމަށް ޑރ. އިބްރާހިިމް ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި ދާއިރާތަކުން ގައުމު ތަހުޒީބު ކުރުމަށްޓަކައި އެ ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ތަފާތު ފުރުސަތުތައް ފަހިކޮށްދެމުން ދާ ކަމަށެވެ.

"ގައުމުގެ ކަންކަން ފުރިހަމައަށް އިސްލާހުކޮށް، ހަރުދަނާ ސިޔާސަތު އެކުލަވާލައި، ވިސްނަން އެނގޭ، އަދި ތަންދޮރު ފިލާފައިވާ ބުއްދީގެ ހަމައިން ދަލީލު ދައްކުވައިދޭނެ ބަޔަކުވެސް ގައުމަށް ބޭނުންވޭ،" ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރީ އަހަރުތަކާ ޚިލާފަށް، ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ރައީސްގެ ޚާއްސަ ސްކޮލާޝިޕް 17 ދަރިވަރަކަށް ލިބިފައިވާއިރު ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރަކަށް ލިބިފައިވާ ކަމަށެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށް ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ޙަވާލުކުރުމުގެ ޖަލްސާ--- ފޮޓޯ/ ރައީސް އޮފީސް

ސްކޮލާޝިޕް ހޯދި ދަރިވަރުންނާ މުޚާތަބުކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖެއްގެ ވެސް އަޒުމަކަށް ވާން ވާނީ ސަރުކާރުން ދޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ މީހުން ބިނާ ކުރުމާއި މަތީ ތައުލީމުގެ ފުރުސަަތުތައް ފަހި ކޮށްދިނުމަށްޓަކައި ރައީސް ޞާލިޙް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ޝުކުރު އަދާކުރައްވައިފައެވެ.