15 May 2023, 22:51
ޑްރޯން ބޭނުންކޮށްގެން އައްސޭރި ޖަލަށް ވައްދަން މަސައްކަތްކުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަމިޝާނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މިއަދު ހެނދުގެ ވަގުތެއްގައި ކ. ހިންމަފުށީ އައްސޭރި ޖަލަށް މަސްތުވާތަކެއްޗާއި ފަސް ސިމް ކާޑު ވައްދަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ ޖަލަށް އެތެރެވުމުގެ ކުރިން ކަރެކްޝަންގެ އޮފިސަރުން އެތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 29 ގްރާމް ހުންނާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ޖަލުތަކަށް ވެއްދުމަކީ، މަނާކަމަކަށް ވީއިރު ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް ފެންމަތިވެއެވެ. އަދި, ފާރު މަތިން ޖަލު ތެރެއަށް އެއްޗެހި އުކާ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ.
މިފަދަ މައްލަތަކުގައި ޖަލު އޮފިސަރުން ބައިވެރިވާ ކަމުގެ ތުހުމަތު އަބަދު ވެސް އޮވެއެވެ.
ޖަލަށް މަނާ ތަކެތި ވައްދާ މައްސަލައިގައި ޚާއްސަ އޮޕަރޭޝަންތައް ދޭތެރެދޭތެރެއިން ހިންގި ނަމަވެސް ޖަލުތަކަށް ގައިދީން ބޭނުންވާ އެއްޗެހި ވެއްދުން އަދި މިއަދާ ހަމައަށް ވެސް ވަނީ ނުހުއްޓުވިއެވެ.