މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން ދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން ކަމަށާއި އެއީ ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން ދޭ އެހީތަކަކީ އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބެމުންދާނެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުންނަށް، ރައީސްގެ ޚާއްސަ ސްކޮލާޝިޕެއް، ދައުލަތުގެ ފަރާތުން ދެނީ ވަރަށް މަތިވެރި މަގުޞަދެއްގައި ކަމަށެވެ. އެއީ، މަތީ ސާނަވީ މަރުހަލާގައި ރަނގަޅަށް ކިޔެވުމަށް ބާރު އެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއީ، ވަރަށް މުހިންމު ސްކޮލަޝިޕެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސްކޮލާޝިޕް ލިބުމަކީ އެ ދަރިވަރަކަށް ލިބޭ ވަރަށް މަތިވެރި ފަޚުރެއް ކަމަށެވެ. މި ސްކޮލާޝިޕްގެ ދަށުން، ދުނިޔޭގެ ކޮންމެ ގައުމެއްގައި އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ މަފު ފަހިވުމަކީ، އެ ދަރިވަރަކަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ ވެސް ހަމަ އެހާ ޚާއްސަ ބައެއް ކަމަށެވެ. ދުނިޔޭގެ އެންމެ ފެންވަރު މަތީ ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ވެސް މި ސްކޮލާޝިޕްގެ ދަރިވަރުންނަށް ލިބިގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޯއީސީޑީގެ 38 ގައުމުން އެ ދަރިވަރަކު ބޭނުން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބުމަކީ ވެސް ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

"މި ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު 155 ދަރިވަރުންނަށް ވެސް އަޅުގަނޑު ދަންނަވަން އޮތީ، ގައުމުގެ އިންސާނީ ވަސީލަތް މުއްސަނދިކުރަން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ތިޔަ ދަރިވަރުންނަކީ ވަރަށް އުންމީދީ ކުދިންކޮޅެކޭ. ތިޔަ ދަރިވަރުންނާ މެދު މި ގައުމު ކުރާ ވަރަށް ގިނަ އުއްމީދުތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އުއްމީދަކީ އެއީ، އެ ކުދިންނަކީ ގައުމު ދެކެ ލޯބިވާ، ގައުމީ ތަރައްގީގެ ޒިންމާތައް އުފުލުމަށް ތައްޔާރަށް ތިބި ޒުވާނުންތަކަކަށް ވުން ކަމަށެވެ.

މި ސަރުކާރުން ތައާރަފު ކުރި ހިލޭ ޑިގްރީ ޕްރޮގްރާމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތައުލީމު ދިނުމަށް ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް ކަމަށެވެ. އަދި، ދަރިންނަށް ކިޔަވައިދީގެން އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން ވެސް ރާއްޖޭގައި މިހާތަނަށް ހިންގަމުން އަންނަ، ނަތީޖާ އެންމެ ރަނގަޅު ޕްރޮގްރާމް ކަމަށެވެ.

"އަޅުގަނޑުމެން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށީ 2019ވަނަ އަހަރު. އޭގެ ފަހުން މިހާތަނަށް، އެ ޕްރޮގްރާމަށް 567 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްފި. އަދި މިހާތަނަށް 17,000 ވުރެ ގިނަ ދަރިވަރުންނަށް، ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވިއްޖެ،" ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ޙަވާލުކުރުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ އޭގެ ތެރެއިން 6،500 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ކަމަށެވެ.

ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ޚަރަދުގެ އިތުރުން ރަހުމަތްތެރި ގައުމުތަކުގެ އެހީގެ ދަށުން، ތަފާތު 25 ގައުމެއްގައި، އެކި ސްކޮލަޝިޕްތަކުގައި 418 ދަރިވަރުން މިހާރުވެސް މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން ދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި، މިފަދަ ސްކޮލާޝިޕްތަކަށް މިހާތަނަށް މި ސަރުކާރުން 528 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު، 2019ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަ ފަހަރެއްގެ މަތިން ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ހަ ފުރުސަތުގައި ކުރިމަތިލި، 1،986 ދަރިވަރަކަށް މިހާރު ލޯނު ދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން ނިންމައިފި. އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަދޭ. އަދި ބައެއް ދަރިވަރުން މިހާރު ތިބީ ކިޔެވުން ފަށަން ތައްޔާރުވެފައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިއަހަރު ހުޅުވައިލި ލޯނުގެ 720 ފުރުސަތަށް ވެސް 1507 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އަދި، މިހާރު ކުރިއަށް ދަނީ އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަރުހަލާ ކަމަށެވެ. ރައީސް ވިދާޅުވީ ސްޓޫޑެންޓް ލޯން ސްކީމަށް ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ކަމުގައި ވެސް ސަރުކާރުން ކުރިއަށް ފިޔަވަޅުއަޅަމުން ދަނީ މިންތީ އެއްވެސް ތަފާތެއް ނެތި ކަމަށެވެ.

"މިރޭ ސްކޮލަޝިޕް ހާސިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް،" ރައީސް ވިދާޅުވިއެވެ.