16 May 2023, 09:32
މިހާރު ދުނިޔޭގައި ހުރި އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ އޭބެލް ތެސަފެޔާ ނުވަތަ ސްޓޭޖް ނަމުން ނަމަ "ދަ ވީކެންޑް" އެ ނަން ދޫކޮށް އޭނާގެ މިއުޒިކުގެ ކެރިއަރުގެ މިސްރާބު ބަދަލު ކޮށްލުމަށް ނިންމައިފިއެވެ.
ދަ ވީކެންޑް އަކީ މިހާރު އެންމެ ގިނަ ބަޔަކު އަޑު އަހަމުން އަންނަ އެއް އާޓިސްޓެވެ. އޭނާގެ މަގުބޫލު ކަމުގެ ބޮޑު ކަމުން ގިނެސް ދުނިޔޭގެ ރިކޯޑު ފޮތުން ވެސް ވަނީ މަގާމެއް ހޯދާފައެވެ. އެންމެ ގިނަ މީހުން ލަވަ އަޑު އެހުމަށް ގެންގުޅޭ ޕްލެޓްފޯމް ކަމަށްވާ ސްޕޮޓިފައިގެ އެންމެ ގިނަ ބަޔަކު އަޑު އަހައި އާޓިސްޓުގެ މަގާމާއެކު އޭނާ ވަނީ ރެކޯޑެއް ގާއިމުކޮށްފައެވެ.
ވީކެންޑްގެ މިއުޒިކްތައް މަހެއްގެ މައްޗަށް ސްޓްރީމް ކުރާ މިންވަރު 100 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. މިއީ ސްޕޮޓިފައިގައި އެ ރެކޯޑު ގާއިމުކުރި ފުރަތަމަ އާޓިސްޓެވެ.
ނަމަވެސް ވީކެންޑް މިހާރު ބޭނުންވަނީ އޭނާގެ ސްޓޭޖް ނަމާއި އެ ނަމާ ގުޅިފައިވާ މަސައްކަތްތައް ދޫކޮށްލައި އާ މިސްރާބަކަށް ދިޔުމަށެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި އޭނާ ހާމަކުރި ގޮތުގައި އޭނާ ބޭނުންވަނީ ވީކެންޑްގެ "ހަޔާތް ދުއްވާލަން"ށެވެ. އަދި ދެން ކުރިއަށް ދާން ބޭނުންވަނީ އޭނާގެ އަސްލު ނަން އޭބެލް އާއެކު ކަމަށްވެސް އޭނާ ބުނެއެވެ.
އޭނާގެ ދިރިއުޅުމުން ވީކެންޑްގެ ސަފުހާއަށް މިހާރު ނިމުމެއް އައިސްފައިވާ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަދި މިހާރު އޭނާ އަންނަނީ އަލްބަމެއްގެ މަސައްކަތް ކުރަމުން ކަމަށާއި އެ އަލްބަމް އަކީ ވީކެންޑްގެ ގޮތުގައި އޭނާ ނެރޭނެ އެންމެ ފަހު އަލްބަމް ކަމަށް އޭނާ ބުނެއެވެ.
އޭބަލް، ވީކެންޑް ސިފަކުރަނީ ކެރެކްޓަރެއްގެ ގޮތުގައެވެ.
ވީކެންޑަށް ފަހުގައި ވެސް މިއުޒިކް ނެރޭނެކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް އޭނާގެ ކުރީގެ ސްޓައިލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުނެއެވެ.
އޭބަލް މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ އެކްޓިން ޑެބިއޫ އަށެވެ. އެޗްބީއޯގެ ކޮންޓްރޮވާޝަލް ޝޯ "އައިޑަލް" އިން އޭބަލް ލީޑް ރޯލަކުން ފެންނަ އިރު އޭނާ އަކީ ޝޯގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ފަންނާނެކެވެ.