އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީ ތެރޭގައި އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕު (ޕީޖީ) އިން އެދިއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން އެ ޕާޓީގެ ސެކްރެޓޭރިއެޓްގައި ފިޔަވަޅު އަޅައިދޭން އެދިފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް، އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވަނީ އެ ފަސް ބޭފުޅުންނަށް ފިޔަވަޅު އަޅަން ޕީޖީ ގްރޫޕުން ފޮނުވިކަން ޔަގީން ކޮށްދެއްވާފައެވެ.

އަނަސް ވިދާޅުވީ އެ ފަސް މެންބަރުންނަށް ފިޔަވަޅު އަޅައިދޭން ހުށަހެޅުމާއި ގުޅިގެން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ވަކި ގޮތެއް ނުނިންމާ ކަމަށް އަނަސް ވިދާޅުވިއެވެ.

"ޕީޖީ ގްރޫޕުން އެދިފައި އެބައޮތް ފަސް މެންބަރަކަށް ފިޔަވަޅު އަޅައިދޭން. ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ. ނަމަވެސް އަދި ވަކި ގޮތެއް ނުނިންމަ،" އަނަސް ވިދާޅުވިއެވެ.

މި މައްސަލައިގައި އެ މެންބަރުންނާ މެދު ފިޔަވަޅު އަޅައިދޭން ޕީޖީން އެދިފައިވަނީ ކޮން މައްސަލައެއް ކަން އަނަސް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ސާފުވާނީ ކޮމެޓީގެ ނިންމުމަށް ފަހުގައި ކަމަށެވެ.

އެމްޑީޕީން ކުރިން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް އެކުވެފައިވާ ޕާޓީތަކުން ވަނީ މިހާރު "ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދު"ގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދާނެކަން އިއުލާންކޮށްފައެވެ.

މި އިއްތިހާދުން ބޭއްވި ފުރަތަމަ ނޫސްވެރިވެރިންގެ ބައްދަލުވުން ހޮޓެލް ޖެންގައި މި މަހުގެ 14ވަނަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އެ ބައްދަލްވުމުގައި ބައިވެރިވެފައިވަނީ ޕީޕީއެމް/ޕީއެންސީ އާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއި ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމާއި ނޫނީ މެމްބަރެއްގެ ސަބަބުން ޕާޓީގެ މަސްލަހަތަށް ގެއްލުންވާ ކަމަށް ފެނިއްޖެ ނަމަ، ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަ ބެލުމަށް ފަހުގައި އެ މެމްބަރަކު ޕާޓީން ވަކި ކުރެވިދާނެއެވެ.