ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި، މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ/ މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް ޢަބްދުﷲއެވެ.

ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ޒަރީރަށް, ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދީފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. މަރުތޭލައަކުން ޖަހައި ބޯ ފަޅާލުމުގެ އިތުރުން އެހެން ބައެއް އަނިޔާތަށް ވެސް އޭނާއަށް ވަނީ ލިބިފައެވެ.

ފުލުހުން ބުނީ، އިބްރާހިމް ޢަބްދުﷲ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހޯދަން އިއުލާނު ކޮށްފައިވަނީ މެންބަރު ޒަރީރަށް ހަމަލާދީ މަރައިލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އެހެންވެ، ފުލުހުން ވަނީ، އިބްރާހިމް ޢަބްދުﷲއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފައެވެ.

އިބްރާހީމް އަބްދުﷲ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރެވެ. އޭނާ އަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކުޑަކުދިންގެ ކޯޓުގައި އުފުލައިފައެވެ.

ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010 ވަނަ އަހަރު ކުޑަކުދިންގެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެލައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.