ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ފްލެޓް ސަރަހައްދުގައި ބަސް ހުއްޓިއެއް ގާއިމުކޮށް ބަހުގެ ޚިދުމަތް މިއަދު ދޭން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް އެއިރޯ ރެސިޑެންސް ހިޔާ ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމުކުރީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ލުއި ފަަސޭހަ ކުރުމަށް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ R6, R7, R8، ،R9 ރޫޓުގެ ބަސްތައް މެދުވެރިކޮށް މިއަދުން ފެށިގެން މި ބަސް ހުއްޓިއަށް ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ބަހުގެ ޚިދުމަތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން 1650 ގުޅުމަށް ކަމަށް އެ ކުންފުނިން އެދެއެވެ.

އެމްޓީސީސީ އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ފެށި އާރުޓީއެލް މިނީ ބަހުގެ ޚިދުމަތުގެ ތެރެއިން ކުރާ ބަސް ދަތުރެއްގެ އަގަކީ ހަތް ރުފިޔާއެވެ.

ނަމަވެސް އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް މިނީ ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.

ހަފުތާގެ ހުރިހާ ދުވަހަކު މާލޭގެ ތިން ރޫޓަކުން މިނީ ބަސްތައް ދަތުރުކުރެއެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. މި ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ކައިރި ކުރާނެއެވެ.