ދަވްޙާ (މާޗް 26): ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގައި ފަގީރުކަމާއި ހައިހޫނުކަން އިތުރުވަމުންދިޔުމުގައި ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކުގެ ދައުރު ވަރަށް ބޮޑުކަމަށް ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ އދ.ގެ މަހާސިންތާގެ ބައިވެރިން ތުހުމަތުކޮށްފި އެވެ.

ޤަތަރުގެ ވެރިރަށް ދަވްޙާގައި ކުރިޔަށްދާ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ އދ.ގެ 13 ވަނަ މަހާސިންތާ (އަންކްޓެޑް 13)ގެ ބައިވެރިން ތުހުމަތުކުރި ގޮތުގައި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގައި ފަގީރުކަމާއި ހައިހޫނުކަން އިތުރުވަމުންދިޔުމުގައި ތަރައްޤީވެފައިވާ މުއްސަނދި ޤައުމުތަކުން ގެންގުޅޭ ދަހިވެތި ސިޔާސަތުތަކުގެ ދައުރު ވަރަށް ބޮޑެވެ.

މިގޮތުން ތަރައްޤީ ވަމުންއަންނަ ޤައުމުތަކުގެ އުފެއްދުންތަކުން (ޚާއްސަކޮށް ދަނޑުވެރިކަމުގެ ބާވަތްތަކުން) 50 ޕަސެންޓާ 80 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ޑިއުޓީ ނެގުމަކީ ކުރިއަރަމުން އަންނަ ޤައުމުތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވެދިނުމުގެ ބަދަލުގައި އެޤައުމުތަކުގެ އިޤްތިސާދު އިނދަޖައްސާލައި އެ ޤައުމުތަކުގައި ފަގީރުކަން އިތުރުކުރުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން ވަރަށް ރޭވުންތެރިގޮތެއްގައި ކުރަމުންގެންދާ ކަމެއްކަމަށް ވެސް އަންކްޓެޑްގެ ބައިވެރިން ބުނެފައިވެ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ތަރައްޤީ ވަމުންއަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަގީރު ޤައުމުތަކުގެ އިޤްތިސާދު އިނދަޖެހި އެ ޤައުމުތަކުގެ ރައްޔިތުން ހައިހޫނުކަން ތަޙައްމަލްކުރަން ޖެހުމުގެ މައިގަނޑު ސަބަބަކީ ތަރައްޤީ ވެފައިވާ ޤައުމުތަކަށް އެތެރެކުރާ ތަރައްޤީ ވަމުންއަންނަ ޤައުމުތަކުގެ އުފެއްދުންތަކުން އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ޑިއުޓީ ނަގަމުން ގެންދިޔުމެވެ.

މީގެއިތުރުން ތަރައްޤީވެފައިވާ ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން، ތަރައްޤީ ވަމުންއަންނަ ޤައުމުތައް ނަގާލޯންތަކުގެ އިންޓްރަސްޓް ބޮޑުވުމަކީ ވެސް އެ ޤައުމުތަކުގައި ފަގީރުކަން ޢާންމުވެ ހައިހޫނުކަމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އަންކްޓެޑް އަކީ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ޙިއްސާ ބައިނަލްއަޤްވާމީ ވިޔަފާރީގައި އިތުރުކުރުމަށް ޓަކައި 1964 ވަނަ އަހަރު އދ. ން އުފެއްދި އިދާރާއެކެވެ. ޤަތަރުގައި މިހާރު ކުރިޔަށްދާ އަންކްޓެޑްގެ 13 ވަނަ މަހާސިންތާގެ އެޖެންޑާގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ފަގީރުޤައުމުތަކުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ގެރެންޓީ (ފުޑްސެކިއުރިޓީ) ލިބޭނެ ގޮތްތަކާ ބެހޭ މަޝްވަރާ ތަކަށެވެ. (ނޫސްއެޖެންސީތައް)