ރާއްޖެ އާއި މޮރިޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރި މައްސަލައިގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުން މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މީގެ އިރުކޮޅެއް ކުރިން އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިމުގެ މައްސަލައިގައި "ކަނޑު ވިއްކުމާ ދެކޮޅު"ގެ ނަމުގައި އެކުލަވާލާފައިވާ އިއްތިހާދުންނެވެ.

މީގެ ކުރިން އެ އިއްތިހާދުން ވަނީ، އިމުގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އަމަލު ކުރެއްވީ ދިވެހިންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މަޖިލީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދާނެކަން މިއަދު ހާމަކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން 10 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ. އަދި މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން، އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާއެކުގައެވެ.

ކަނޑުގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އިއްތިހާދުގައި ހިމެނެނީ:

  • ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަން - 12 މެމްބަރުން

  • ޕީޕީއެމް/ޕީއެންސީ - އަށް މެންބަރުން
  • ޖޭޕީގެ - ދެ މެމްބަރުން
  • އެމްއެންޕީ - ތިން މެންބަރުން

ކަނޑުގެ މައްސަލައިގައި އެމްޑީޕީން ވަނީ ސަރުކާރުގެ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ފެއިލްކޮށްލާނެ ކަމަށް ބުނެފައެވެ. މަޖިލީހުގައި ސަރުކާރަށް ތާއީދުކުރައްވާ 56 މެމްބަރުން ތިއްބަވައެވެ.