26 Apr 2012, 09:35
މޫނު ބުރުގާ އަޅައިގެން ކުލާހަށް ނުވަދެވޭ ގޮތަށް ކުއްލިއްޔާގެ ގަވާއިދުގައި އޮންނަ މާއްދާ ބާތިލު ކުރުމަށް އެތާގެ ދަރިވަރަކު ހުށަހެޅި ދުސްތޫރީ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
މައްސަލަ ހުށަހެޅީ ގއ. ދާންދޫ ބީޗްވިލާ، މެހެނާޒު ހުސެއިނެވެ.
ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ އާއި އަބްދުﷲ ހަމީދު އަދި އަލީ ސަމީރު ސޮއިކުރައްވާ އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިޔުމުގެ ހައްގު މިހާރު ލިބޭ ކަމަށް މިމަހުގެ 18 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި މެހެނާޒު ހުސެއިންގެ ފަރާތުން ބުނެފައިވާ ކަމަށެވެ.
އެހުކުމްގައި ބުނަނީ މެހެނާޒުގެ ފަރާތުން އެހެން ބުނެފައިވާއިރު މޫނު ބުރުގާ އަޅައިގެން ކުލާހަށް ނުވަދެވޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އުނިކޮށް އެ ގަވާއިދު އިސްލާހުކޮށްފައިވާކަމަށް ބަންޑާރަ ނާއިބް އޮފީހުގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރީ ކަމަށެވެ.
ހައިކޯޓުން އެ މައްސަލަ އިއްޔެ ބޭރުކޮށްލި އިރު އެ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް މެހެނާޒު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިޔުމުގެ ފުރުސަތު މެހެނާޒަށް މިހާރު ލިބިފައިވާތީ އެވެ.