15 May 2023, 15:16
މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލި އިރު، އާސެނަލުން ފުރުސަތު ގެއްލުވާލައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ސިޓީން ވަނީ އެވަޓަން އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ ނަތީޖާއާއެކު ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ސިޓީއަށް ދެން ބޭނުންވާނީ އެންމެ މޮޅެކެވެ.
ރޭގެ މެޗުގައި ހަމަލާތަކަކަށްފަހު ފުރަތަމަ ހާފުގެ ފަހުކޮޅު ސިޓީން ދެ ގޯލު ޖެހިއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ދިން ބޯޅައަކުން ސިޓީގެ ފުރަތަމަ ގޯލު ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަން ކާމިޔާބުކޮށްދިން އިރު، މެޗުގެ 39 ވަނަ މިނެޓުގައި ގުންޑޮގަން ދިން ބޯޅައަކުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ލީގުގައި ރެކޯޑު އަދަދަކަށް ގޯލު ޖަހާފައިވާ ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭގައި ސިޓީން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ހިލޭ ޖެހުމަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހުރިހާ ގޯލެއްގައި ވެސް ބައިވެރިވުން އޮތް ގުންޑޮގަންއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ
ނަވާރަ އަހަރަށްފަހު ލީގު ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރަމުންދިޔަ އާސެނަލުން ރޭ ކުޅުނު މެޗުގައި ވަނީ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވެފައެވެ. އެ މެޗުން އާސެނަލް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލަށް ލީގު ހޯދުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.
ރޭގެ މެޗުގައި ބްރައިޓަނުން ޖެހި ތިން ގޯލު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޕެރްވިސް އެސްޓުޕިނާން ނަގައިދިން ހުރަހަކުން ބްރައިޓަންއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕެރަގުއާއީ މިޑްފީލްޑަރު ޖޫލިއޯ އެންސިސޯއެވެ.
ބްރައިޓަނުން ވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އިތުރު ދެ ގޯލު ކާމިޔާބުކޮށްފައެވެ. ޕަސްކަލް ގްރޮބް ދިން ބޯޅައަކުން އެޓީމުގެ ދެވަނަ ގޯލު ޖަރުމަން ފޯވަޑް ޑެނިޒް އުންޑޭވް ކާމިޔާބުކޮށްދިން އިރު، އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެކުއެޑޯ ޑިފެންޑަރު އެސްޓުޕިނާންއެވެ.