15 May 2023, 14:13
އެމްޑީޕީ އަނބުރާ ހޯއްދަވާނެ ކަމަށާއި، ފިކުރެއްގެ ދިރުން މެމްބަރުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި ތިބިގެން އެ ޕާޓީއާ ސީދާ ދެކޮޅަށް މަސައްކަތް ކުރައަވަމުންދާ މެމްބަރުންނާ މެދު ނުރުހުން ފާޅުކުރައްވައި އެމްޑީޕީ އޮފީސް ކުރިމަތީ މިއަދު ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ އިހުތިޖާޖުގައި ބައިވެރިވީ މީހުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން "ރީކޯ" މޫސާ މަނިކު އާއި، ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) ހިމެނެއެވެ.
އިހުތިޖާޖަށް ނިކުންނަން ޖެހުނު މައިގަނޑު ސަބަބަކީ ޕާޓީން ކަނޑައަަޅައިފައިވާ ތްރީ ލައިން ވިޕަކާ ޚިލާފަށް އަމަލުކުރުމަށް އެ ޕާޓީގެ މެމްބަރުންތަކެއް މަސައްކަތް ކުރުން ކަމަށާއި، އެހެން ކަން ހިނގާއިރު އެކަމާ ދެކޮޅަށް އަދިވެސް ފިޔަވަޅު އަޅައިފައި ނުވާ ކަމަށް އިހުތިޖާޖުގައި ހުންނަވައި މޫސަ "ސަން" އަށް ވިދާޅުވިއެވެ.
މޫސަ އެ ވިދާޅުވާ ތްރީލައިން ވިޕަކީ ޗާގޯސް މައްސަލައިގައި ސަރުކާރާ ދެކޮޅު އިއްތިހާދުން މަޖިލީހަށް ހުށަހަޅައިފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި ދެކޮޅަށް ވޯޓުލުމަށް ނެރުނު ވިޕެކެވެ. އެމްޑީޕީން މި ވިޕް ނެރުނީ އެމްޑީޕީގެ ފިކުރެއްގެ ދިރުން މެމްބަރުންގެ ބައިވެރިވުމާއެކީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ މައްސަލައިގައެވެ.
ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަކިކުރަން ގޮވާލާ އިހުތިޖާޖު ކުރާތީ އެމްޑީޕީގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ޕާޓީގައި އެ މަނިކުފާނު ހުންނެވުމުން އުނދަގޫ ވަނީތޯ އިހުތިޖާޖުގައި ބައިވެރިވި ނާޒިމް އަރިހުން އައްސަވާފައެވެ. ޖަވާބުގައި ނާޒިމް ވަނީ އިހުތިޖާޖުގައި ގޮވާލާފައިވަނީ ގައްދާރުވި މީހުން ޕާޓީން ވަކިކުރަން ކަމަށް ބުނެ ރައީސް ނަޝީދަކީ ގައްދާރެއްތޯ ސުވާލުކޮށްފައެވެ.
ރައްދުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީއާ އެ ބޭފުޅުންގެ ހިތް ވަކި ނުކުރެވޭނެ ކަމަށާއި، އެމްޑީޕީ އަނބުރާ ހޯއްދަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިތް އެމްޑީޕީއާ ވަކި ނުވާނެ. އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލައިގައި އިދިކޮޅު އިއްތިހާދާ ގުޅިގެން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މި ކަމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެ ޕާޓީގެ ރަސްމީ ނިންމުމާ ޚިލާފަށް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން ސޮއިކުރިކަން ޔަގީންވާ ހިސާބުން އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.