15 May 2023, 17:42
މާލޭގެ ނީލަން ފިހާރައިގައި ރޯވީ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރެވެ. އޭގެ ދޮޅުގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އެ ތަނުގައި ހުރި ދަގަނޑާއި ފަސޭހައިން އަނދައިގެން ނުދާ ކަހަލަ މައުދަންތަކުން ހަދާފައިވާ ސާމާނުތައް ފިޔަވައި ދެން ހުރި ހުރިހާ ސާމާނެއް ހުރީ އަނދާ އަޅިއަށް ވެފައެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހު ނީލަން ފިހާރަށް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ނިންމީ ނީލަން ފިހާރަ އެހެން ތަނަކަށް ބަދަލުކޮށް، ކުރިން ނީލަން ފިހާރަ ހުރި ބިން ހުސް ކުރާށެވެ. އެކަމަކު، މިއަދާ ހަމައަށް އެ ހާދިސާއަށް ހަތަރު މަސް ވޭތުވީއިރު އަދިވެސް އެތަން ސާފެއް ނުވެއެވެ. މުޅި ތަނުގައި ހުރީ އަލިފާނުގެ ހޫނުން އައިބުވެފައިވާ ދަގަނޑާއި ފާޑުފާޑުގެ ކުންޏެވެ.
ނީލަން ފިހާރު ހުރި ސަރަހައްދު ސާފުނުކޮށް ގިނަ ދުވަސްވާ މައްސަލައިގައި "ސަން"އިން ސުވާލުކުރުމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ވެސް އެތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، މި މަހުގެ ނިޔަލަށް އެތަން އެއްކޮށް ސާފުކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައިވަރު ދަނގަޑާއި ލަކުޑި ފަދަ ތަކެތި އެބަހުރި އަދިވެސް. އަދި އިތުރު އެއްޗެހި ވެސް،" އޭނާ ވިދާޅުވިއެވެ.
އެތަން ސާފުކުރަން މިހާތަނަށް ކުރި މަސައްކަތްތައް ކިޔައިދެއްވަމުން މުއިއްޒު ވިދާޅުވީ އެތަނުގައި ރޯވުމަށް ފަހު، ބޭނުންކުރެވޭ ގޮތަށް ހުރި ތަކެތި، އޭގެ ވެރިފަރާތްތަކުން ގެންގޮސްފައިވާ ކަމަށެވެ. މިހާރު އެތަނުގައި ހުރީ އެއްވެސް ފަރާތަކުން ގެންދަން ބޭނުންނުވާ ކުނިބުންޏެވެ.

ރޯވި ނީލަން ފިހާރަ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ
ނީލަން ފިހާރާގައި ރޯވި ފަހުން، އެތަނަށް އެއްވެސް ގޮތެއް ހަދާފައިނުވާއިރު، މޭޔަރު ވިދާޅުވީ، އެތަން ބަދަލު ނުކުރެވިގެން އުޅެނީ ތަނެއް ނުލިބިގެން ކަމަށެވެ.
"އިންޑަސްޓްރިއަލް ވިލެޖުން ތަންކޮޅެއް ދިނުމަށް ރައީސް އޮފީހުގައި އެދުނިން. އެކަން ނުވާތީ ހުޅުމާލޭ ފޭސް ވަންއިން ވެސް ތަންކޮޅެއް ދޭން އެދުނިން. އެކަން ވެސް ވާ ގޮތެއް ނުވި،" އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، ނީލަން ފިހާރަ ފަދަ ތަނެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށާއި ނަމަވެސް މިހާރު އެތަން ހުރި ތަނުގައި، އެފަދަ ތަނެއް ބަހެއްޓުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުދެކޭ ކަމަށެވެ.

ރޯވި ނީލަން ފިހާރަ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ އަމަން ހަލީމް
ސަރުކާރުން ވަނީ ގުޅީފަޅު ނުވަތަ ތިލަފުއްޓަން އެތަން ބަދަލުކުރާ ކަހަލަ ވިސްނުމެއް ގެންގުޅޭ ކަމަށް މީގެ ކުރިން ބުނެފައެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015ވަނަ އަހަރާއި 2017ވަނަ އަހަރު ވެސް ވަނީ އެ ތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.
އެތަނުގައި ވިޔަފާރިކުރުން މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ތުހުމަތު ކޮށްފައެވެ.