ޒުވާނުންނާއި ކުޑަކުދިންގެ ތަރައްގީ އަށް ޓަކައި ދިވެހި ސަރުކާރުން ފާހަގަކުރި 11 މަޝްރޫއަކަށް 4.8 މިލިޔަން ރުފިޔާގެ އެހީ ދިނުމަށް ޖަޕާނުން ނިންމައިފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ، ރާއްޖެ އަށް އެކްރެޑިޓްކޮށްފައިވާ ޖަޕާނުގެ އެމްބަސީ އިން އިއްޔެ ނެރެގައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އަށް އެހީ ދޭން ނިންމާފައި ވަނީ ޖަޕާނު ސަރުކާރުގެ ކޭއާރު ގްރާންޓް އެއިޑްގެ ތެރެއިން ކަމަށެވެ.

ދިވެހިސަރުކާރުން ފާހަގަކޮށްފައިވާ 11 މަޝްރޫއުގެ މަގުސަދަކީ އާލީ ޗައިލްޑްހުޑް ޑިވެލޮޕްމެންޓާއި ވޮކޭޝަނަލް ޓްރޭނިން އަދި ދިވެހި ޒުވާނުންގެ ތަރައްގީ އަށް ފުރުސަތުތައް ހޯދައި ދިނުން ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ.

ޖަޕާނުގެ މިއެހީ ހަރަދުކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަކީ ހަ ޕްރީސްކޫލެއް އިމާރާތްކުރުން ނުވަތަ މަރާމާތުކުރުމާއި އެތަންތަނަށް ބޭނުންވާ ތަކެތި ހޯދުމާއި ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް ގާއިމްކުރުމާއި ޒުވާނުންނަށް އަމާޒުކޮށްގެން މީޑިޔާގައި ތަމްރީނު ޕްރޮގްރާމެއް ހިންގުމަށެވެ.

މަޝްރޫއުތައް ހިންގަން ހަމަޖެހިފައި ވަނީ 10 ރަށެއްގަ އެވެ. އެ ރަށްތަކަކީ ނ. ކެނދިކުޅުދު އާއި ރ. އުނގޫފާރާއި ގއ. ކޮލަމާފުށްޓާއި ގއ. ގެމަނަފުށްޓާއި ރ. އިންނަމާދުއާއި ރ. ވާދުއާއި ފ. ފީއަލީއާއި ރ. އަލިފުށި އަދި މާލެ އެވެ.
ޖަޕާން އެމްބަސީ އިން ބުނީ އެ މަޝްރޫއުގެ ސަބަބުން ޕްރީސްކޫލް ތައުލީމާއި ވޮކޭޝަނަލް ޓްރޭނިން ކުރިއަރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މީޑިއާ މެދުވެރިކޮށް ހިންގާ ތަމްރީނު ޕްރޮގްރާމްތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުވެ، ރާއްޖޭގެ ތަރައްގީ އަށް އެހީތެރިކަމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ޖަޕާނު އެމްބަސީން ބުންޏެވެ.