މާލޭގައި އަމިއްލަ ގޭގެ ބެލްކަނީގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރުއާނާ ގަސްތަކެއް ހައްދައިގެން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވާއިރު، ކޯޓު އަމުރުގައި ބުނެފައިވަނީ މާލޭ ގެޔެއްގެ ދޮރު ކައިރިން ބިންމަތީގައި މެރުއާނާ ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން ފުލުހުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ، އޭނާ އެތަނަށް އައިސް އެއީ އޭނާގެ ގަހެއް ކަމަށް ބުނި ކަމަށެވެ.

އަދި، ގޭގެ ބެލްކަނީގައި އިތުރު ގަސްތަކެއް ހުންނާނެ ކަމަށް ބުނެ އޭނާ ދިރިއުޅޭ ތަން ބަލާ ފާސް ކުރުމަށް އެއްބާރުލުން ދޭން އެހުމުން އެކަމަށް އެއްބަސްވެ ބަލައި ފާސްކުރުމުގެ ފޯމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން ފުލުހުންގެ ބަޔާނުން އެނގެން އޮތް ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ނަމަވެސް އޭނާ ފަހުން ކޯޓުގައި ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އެގޮތުން، ބަލާ ފާސްކުރި ކަމަށް ހުއްދަ ނުދޭ ކަމަށާއި، ފުލުހުން އޭނާއަށް އަނިޔާކޮށް، ބަލާ ފާސްކުރުމުގެ ތެރޭގައި ތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިން ކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާތުތަކާ އެއްގޮތަށް ކަމަށެވެ.