15 May 2023, 10:47
އަންކަރާ (15 މެއި 2023): ތުރުކީގައި އިއްޔެ ބޭއްވި އިންތިޚާބުގެ ވޯޓުގެ 98 އިންސައްތަ މިހާރު ގުނައި ނިމިފައިވާއިރު އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ނުލިބޭނެކަން ގާތްގަނޑަކަށް ކަށަވަރު ވެއްޖެއެވެ.
މިހާތަނަށް ގުނާފައިވާ ވޯޓުން ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ކުރީގައި އުޅުއްވިނަމަވެސް ހުރިހާ ވޯޓުތަކެއް ގުނައި ނިމޭއިރު ވޯޓުގެ 50 އިންސައްތައަށްވުރެ ގިނައިން އެރުދުޣާނަށް ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިހާތަނަށް ގުނާފައިވާ ވޯޓުން އެރުދުޣާނަށް ލިބިފައިވަނީ ވޯޓުގެ 49.35 އިންސައްތައެވެ. އުރުދުޣާން އާ އެންމެ ގާތުން ވާދަކުރައްވާ އިދިކޮޅު ލީޑަރު ކަމާލް ކިލިޗްޑަރޮގްލޫއަށް ލިބިފައިވަނީ ވޯޓުގެ 44.97 އިންސައްތައެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބާބެހޭ ގާނޫނުގައިވާގޮތުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ އިތުރަށް ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓް ހޯދި ދެ ކެންޑިޑޭޓްގެ ދެމެދުގައި ދެވަނަ ބުރެއް ބާއްވަންޖެހޭނެއެވެ. އެހެންކަމުން އެރުދުޣާން އާއި ކިލިޗްޑަރޮގްލޫ ވާދަކުރައްވާ ދެވަނަ ބުރެއް ބާއްވަން ޖެހޭނެކަމަށްވަނީ ބެލެވިފައެވެ.
ދެވަނަ ބުރު ކާމިޔާބުވުމުގެ ފުރުސަތު އޮތީ އެއްވަނަ ބުރުގައި ވާދަކުރެއްވި އަނެއް ދެ ކެންޑީޑޭޓުންގެ ތާއީދު ލިބޭ ފަރާތަކަށެވެ. މިހާތަނަށް ގުނާފައިވާވޯޓުތަކުން ތިންވަނައަށް އެންމެގިނަ ވޯޓު ލިބިފައިވަނީ ސިނާން އޮޣާން އަށެވެ. އޭނާއަށް 5.25 އިންސައްތަ ވޯޓު ލިބިފައިވެއެވެ. ތުރުކީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހަތަރުވަނަ ކެންޑިޑޭޓު މުހައްރަމް އީންޖާ ވަނީ އިންތިޚާބުގައި ވޯޓުލުމުގެ ދެ ދުވަސްކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ.
ސިނާން އޮޣާން ވިދާޅުވިގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކު އޭނާ އަދި އިޚްތިޔާރެއް ނުކުރައްވައެވެ. ސިނާން ވިދާޅުވިގޮތުގައި އެރުދުޣާނު ކޮޅަށްވެސް އަދި ކިލިޗްޑަރޮގްލޫގެ ކޮޅަށްވެސް އޭނާ އަދި ބުރަވެ ވަޑައެއް ނުގަންނަވައެވެ.

ތުރުކީ އިންތިޚާބުގެ ނަތީޖާއާ އެކު ބައެއް މީހުން އުފާފާޅުކުރަނީ -- ފޮޓޯ/ އޭއެފްޕީ
ތުރުކީއަކީ މިހާރު ރިޔާސީ ނިޒާމެއް އޮންނަ ގައުމެއްކަމަށްވިޔަސް މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުން ކުރިމަތިލައްވާފައިވަނީ ކޯލިޝަން ހަދައިގެންނެވެ. އެރުދުޣާންގެ ޖަސްޓިސް އެންޑެ ޑިވެލޮޕްމެންޓް ޕާޓީންވެސް ކުދި ޕާޓީތަކާއެކު ކޯލިޝަން ހަދާފައިވާއިރު އިދިކޮޅު ލީޑަރު ކަމާލް ކިލިޗްޑަރޮގްލޫ ވެސް ރިޔާސީ ރޭހަށް ނުކުމެވަޑައިގަތީ ފަސް ޕާޓީއަކާއެކު ކޯލިޝަން ހައްދަވައިގެންނެވެ.
ތުރުކީގައި އެރުދުޣާން ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވަމުން ގެންދަވާތާ މިހާރުވަނީ 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަވެފައެވެ. ދެހާސްތިން ވަނަ އަހަރު އެރުދުޣާން ފުރަތަމަ ކާމިޔާބު ކުރެއްވީ ތުރުކީގެ ބޮޑުވަޒީރުކަމެވެ. އެއަށްފަހު އޭނާވަނީ ތުރުކީގެ ސިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރައްވާފައެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އެރުދުޣާން ގެންދަވަނީ ތުރުކީގެ ރައީސްކަން ކުރައްވަމުންނެވެ. މިހާރު އެރުދުޣާންވަނީ ރިޔާސީ ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ. މިފަހަރުގެ އިންތިޚާބުގައި އެރުދުޣާން ވާދަކުރައްވަނީ ރިޔާސީ ތިންވަނަ ދައުރަކަށެވެ.
އެރުދުޣާންގެ ވެރިކަމުގައި މުޅި ތުރުކީވަނީ ހުރިހާ ގޮތަކުންވެސް ބަދަލުކޮށްލާފައެވެ. މިގޮތުން އާދައިގެ ގައުމަކުން ސިނާއީ ގައުމަކަށް އެރުދުޣާންގެ ވެރިކަމުގައި ތުރުކީ ވަނީ ބަދަލުވާން ފަށާފައެވެ. މިއާއެކު އެރުދުޣާންވަނީ ތުރުކީގެ އިގްތިސާދުވެސް 250 ބިލިޔަން ޑޮލަރުގެ ކުޑަ އިގްތިސާދަކުން 950 ބިލިޔަން ޑޮލަރުގެ އިގްތިސާދަކަށްވަނީ ބަދަލުކޮށްލާފައެވެ.

ތުރުކީ އިންތިޚާބުގެ އިދިކޮޅު ކެންޑިޑޭޓް ކެމާލް ކިލިޝްދާރޮގްލޫ -- ފޮޓޯ/ ރޮއިޓާސް
އަނެއްކޮޅުން ހަމައެކަނި އެމެރިކާގެ ބަސް އަހާލައިގެން ޒަމާނުއްސުރެ އޮންނަ އާދައިގެ ގައުމަކުން ތުރުކީވަނީ އެމެރިކާގެ ބަސްނާހައި އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލައަށް ބަސްބުނާ އަދި އެމެރިކާއަށް ގޮންޖަހަން ޖެހިއްޖެނަމަ އެކަމަށް ފަސްނުޖެހޭ އަދި ޖެހިލުންނުވާ ސަރަހައްދީ ބާރަކަށް ބަދަލުކޮށްލާފައެވެ. ކުރިން ސަރަހައްދުގައި މާބޮޑު ނުފޫޒެއް ނެތް ގައުމަކުން ސަރަހައްދުގައި ނުފޫޒާއި ބާރުގަދަ ގައުމަކަށްވެސް އެރުދުޣާންވަނީ ތުރުކީ ބަދަލުކޮށްލާފައެވެ.
ތުރުކީ އަކީ ކުރިން ޕާކިސްތާން ގޮތަށް ސިފައިންގެ ބާރާއި ކޮންޓްރޯލާއި އެމީހުންގެ ނުފޫޒު އިންތިހާއަށް ގަދަ އަސްކަރީ އިންގިލާބުތައް ވަރަށް ގިނައިން އަންނަ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ގައުމެކެވެ. ނަމަވެސް އެރުދުޣާންވަނީ ތުރުކީގެ އަސްކަރިއްޔާގެ ބާރާއި ނުފޫޒު ނައްތާލައި އަސްކަރިއްޔާގެ ސިޔާސީ ފިޔަ ކޮށާލައި ތުރުކީ ސިފައިންގެ ލަޝްކަރަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަންނަ ހަމައެކަނި އަސްކަރީ ޕްރޮފެޝަނަލް ލަޝްކަރަކަށް ހައްދަވާފައެވެ.
ދީނީގޮތުން ބެލިނަމަވެސް ކުރިން ތުރުކީއަކީ ލާދީނީ ކަމުގައި ހައްދު ފަހަނަޅާފައިވާ ގައުމެކެވެ. މުސްލިމް އަންހެނުން ބުރުގާ އެޅުން މަނާކޮށްފައިވާ އިސްލާމީ ގައުމެކެވެ. ނަމަވެސް އެރުދުޣާންވަނީ ތުރުކީއަކީ މެދުމިނުގެ އިސްލާމީ ފިކުރުގެ ގައުމަކަށް (ދީނީ ފިކުރުގެ މީހުންނަށާ އަދި އިލްމާނީ ފިކުރުގެ މީހުންނަށްވެސް ފުރުސަތުއޮންނަ) ގައުމަކަށް ހައްދަވާފައެވެ.
ތުރުކީގެ އިންތިޚާބުގައި އެރުދުޣާން އާ ދެކޮޅަށް އެމެރިކާ އަޑިއަޑިން ވަރަށްބޮޑަށް މަސައްކަތް ކުރާ ކަމަށްވެއެވެ. އެމެރިކާ ބޭނުންވަނީ އެގައުމު ބުނާހާގޮތެއް ހަދައި އެމެރިކާގެ ބަސްއަހާނެ ކަމަށް ބެލެވޭ ތުރުކީގެ އިދިކޮޅު ލީޑަރު ކަމާލް ކިލިޗްޑަރޮގްލޫ އެގައުމުގެ ވެރިކަމަށް ގެނައުމަށެވެ. މިކަމަށް ފަރުދާގެ އަނެއް ފަރާތުގައި އެމެރިކާ މަސައްކަތްކުރާކަމަށް އެރުދުޣާންގެ ޕާޓީންވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި ތުރުކީގެ މިފަދަ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނާކަމަށް އެމެރިކާއަކަށް ނުކުރެއެވެ.
ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެ އެމެރިކާގެ އިތުރުން ޗައިނާއާއި ރަޝިއާ އާއި އެނޫންވެސް ބާރުތައް ހިމެނޭ މަލްޓިޕޯލާ ނިޒާމެއް ދުނިޔޭގައި އުފެދެެމުންދާއިރު ތުރުކީފަދަ މުހިއްމު ސަރަހައްދެއްގައި އޮންނަ ނޭޓޯގެ ބޮޑު ގައުމެއް އެމެރިކާގެ ބަސްނާހާ ގޮތުގައި އޮތުމުގެ ބަދަލުގައި އެމެރިކާ ބުނާހާ ގޮތެއް ހަދައިގެން އެމެރިކާގެ މަސްލަހަތަށް އިސްކަންދީގެން އެމެރިކާ ފަސްޓް ޕޮލިސީ އެއް ގެންގުޅޭ ގައުމަކަށް ތުރުކީ ހަދަން އެމެރިކާ އިންތިހާއަށް ބޭނުންވެއެވެ.