ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

އަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، ނިންމިފައިވަނީ ހުށަހެޅުނު މަސައްކަތްތަކުގެ 38.9 އިންސައްތައެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގައި އަލަށް 11 ބިލެއް ހުށަހަޅާފައިވާއިރު އޭގެ ކުރީ ދައުރުން 20 ބިލެއް ލިބިފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ނިންމާލެވިފައިވަނީ އެންމެ ދެ ބިލުގެ މަސައްކަތެވެ. ފަސް ބިލެއް ތަޅުމުގައި އޮތްއިރު 24 ބިލެއް އޮތީ ކޮމިޓީގައެވެ.

މަޖިލީހުގެ މި ދައުރަށް ހުށަހެޅި މުހިންމު ބިލްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި އާންމު އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިތުރުން ކުޅިވަރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ހިމެނެއެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަ އިރު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ އަލަށް އަމަލު ކުރަން ފަށާފައިވާ ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނުނިމި އޮތުމެވެ. އެ ބިލުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ދިގު ދަންމައިލުމަށް ބައެއް މެމްބަރުން އެދިލެއްވި ނަމަވެސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިސް ޗުއްޓީއަށް ދާން ނިންމަވާފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ފަށާނީ މޭ މަހުގައެވެ. އަދި ތިން ވަނަ ދައުރު ފަށާނީ އޮގަސްޓު މަހުއެވެ.