އިންޑިއާގެ ސްޓާ ޕްލަސްއިން ދިގު މުއްދަތަކަށް ދައްކަމުންއައި ހެއްވާ މަޖާ ޓެލެ ޑްރާމާ ސީރީސް "ތޫ ތޫ މޭ މޭ" އަލުން އުފައްދަން ނިންމާފައިވާކަމަށް ޑައިރެކްޓަރު ސަޗިން ޕިލްގައޮންކަރު ބުނެފިއެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ކޮމެޑީ ސީރީސް އަލުން އެނބުރި އަންނާނީ ޓެލެވިޒަން ޗެނަލްތަކަށް ނޫންކަމަށާއި މިފަހަރު ސީރީސް ޓެލެކާސްޓްކުރާނީ ޑިޖިޓަލް ޕްލެޓްފޯމްއެއްގައިކަމަށް ސަޗިންވަނީ ބުނެފައެވެ.

ފިލްމު "ބަލީކާ ބަދޫ" އަދި "ނަދިޔާކޭ ޕާރް"ފަދަ ފިލްމުތައް އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ސަޗިން ޓީވީ ސީރީސް "ތޫ ތޫ މޭ މޭ" ގެނެސްދޭން ފަށާފައިވަނީ 1994ވަނަ އަހަރެވެ.

މައިދައިތައާއި ދަނބި ދަރިފުޅުގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް އުފައްދާފައިވާ މިސީރީސްއަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު ވަރަށް މަގުބޫލު ސީރީސްއަކަށް އޭރުވެގެންދިޔައެވެ.

މިސީރީސް ހުއްޓާލާފައިވަނީ ސީރީސް ގެނެސްދޭން ފެށިތާ ހަ އަހަރުފަހުން 2000ވަނަ އަހަރުއެވެ. މިސީރީސްގެ ލީޑް ރޯލްތަކުން އޭރު ފެނިފައިވަނީ ސަޗިންގެ އަންހެނުން އަދި ކުޅަދާނަ ބަތަލާ ސުޕްރިޔާ ޕިލްގައޮންކަރު އާއި ކުރީގެ ބަތަލާ ރީމާ ލަގޫއެވެ.

އިންޑިއާގެ ނިވްސް18އަށް ދިން އިންޓަވިއުއެއްގައި ސަޗިން ބުނެފައިވަނީ، މިފަހަރުގެ ސީރީސް ގެނެސްދޭނީ ޓްވިސްޓަކާއެކުކަމަށެވެ. އެގޮތުން ކުރިން ދަނބި ދަރިފުޅުގެ ރޯލްއިން ފެނުނު ސުޕްރިޔާގެ ރޯލް މިފަހަރު ޕްރޮމޯޓްކުރެވިފައިވަނީ މައިދައިތަގެ ރޯލަށްކަމަށް ސަޗިން ބުނެފައިވެއެވެ.

ގިނަ ބައެއްގެ ހަނދާނުން ފޮހެލަންދަތި ހެއްވާ މަޖާ ސީރީސްގެ އާ ބައިތައް ގެނެސްދޭނީ ކޮން ޕްލެޓްފޯމްއަކުން ކަމެއް އަދި ނޭނގޭކަމަށް ބުނަމުން ސަޗިން ބުނެފައިވަނީ ސީރީސް ޓެލެކާސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ.