14 May 2023, 23:27
ފުލުހުންނަށް ހަމަލާ ދިނުމުގެ ރިކޯޑް އޮންނަ ޒުވާނަކު ފުލުހެއްގެ އަތުގައި ދަތް އަޅައިގެން ހައްޔަރުކޮށްފިއެވެ.
ވ. ރަކީދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އެ ޒުވާނާއަށް ތުހުމަތުކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި ކަމަށެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް އިތުރު ކޮށްދީފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އެ ޒުވާނާއަށް ކުރާ ތުހުމަތުތަކަށް ބާރުލިބޭ ހެކި ގަރީނާ ވަނީ ހުށަހަޅައިފައެވެ. އެގޮތުން ސީންއަށް ދިޔަ ފުލުހުންގެ ބަޔާނާއި ފޮޓޯ ރިޕޯޓް ހިމެނެއެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ފުލުހެއްގެ ކަނާއަތުގައި ވަނީ ދަތް އަޅައިފައެވެ. އަދި، އެކަން ކުރިކަމަށް އެ ޒުވާނާއަށް ވަނީ ތުހުމަތުކޮށްފައެވެ.
މީގެ ކުރިން ވެސް އެ ޒުވާނާ އެ ބާވަތުގެ ކުށް ކޮށްގެން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ފުލުހުންނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެކެވެ.