16 May 2023, 08:58
ވިކީ ކޯޝަލްއާއި ސާރާ އަލީ ޚާން ފުރަތަމަ ފަހަރަށް އެކީގައި ލީޑް ރޯލް ކުޅޭ ފިލްމު "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.
ފިލްމު "ލުއްކާ ޗުއްޕީ"އާއި "މިމީ"ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ލަކްޝަމަން އުތޭކަރުގެ މިފިލްމަށް ދީފައިވާ ނަމަކީ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ"އެވެ. މިފިލްމަށް ކިޔާނެ ވަކި ނަމެއް ހަމަޖެހިފައި ނޯންނަތާ ގިނަ ދުވަސްތަކެއްފަހުން ފިލްމުގެ ނަންވެސް އިއުލާނުކުރީ ދާދިފަހުންނެވެ.
ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ މިފިލްމުން ހެއްވާ މަޖާ ކަންތައްތައްވެސް ފެންނާނެކަމަށް ފިލްމު ގެނެސްދޭ މެޑްޑޮކް ފިލްމްސްއިންވަނީ ބުނެފައެވެ. ފިލްމުގެ ޕޯސްޓަރުތައް ރިލީޒްކުރުމާއެކު ވިކީއާއި ސާރާގެ އޮން ސްކްރީން ކެމިސްޓްރީއަށް ގިނަބަޔަކުވަނީ ތަޢުރީފުކޮށްފައެވެ.
ކުރިޔަށްއޮތް ޖޫން މަހުގެ ދެވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެނައުމަށް ނިންމާފައިވާއިރު ސާރާވަނީ މީގެ ކުރިންވެސް މެޑްޑޮކްސް ފިލްމްސް ކުންފުންޏާއެކު މަސައްކަތްކޮށްފައެވެ. އެއީ މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ފިލްމު "ލަވް އާޖް ކަލް"ގައެވެ.
ސާރާ އެންމެ ފަހުން ފެނިފައިވަނީ މިސްޓްރީ ތްރިލާ ފިލްމު "ގޭސް ލައިޓް"އިންނެވެ. މިފިލްމުގެ އިތުރުން ސާރާވަނީ މިއަހަރު އެކަނިވެސް އިތުރު ތިން ފިލްމަކަށް ސޮއިކޮށްފައެވެ.
އޭގެ ތެރެއިން ފިލްމު "އޭ ވަޠަން މެރޭ ވަޠަން"ގެ މަސައްކަތްވަނީ ނިމި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައެވެ. ވިކީ އެންމެ ފަހުން ފެނިފައިވަނީ ދަރްމާ ކުންފުނިން މިދިޔަ އަހަރު ގެނެސްދިން ފިލްމު "ގޯވިންދާ ނާމް މެރާ"އިންނެވެ.
މިއަހަރަކީ ވިކީއަށް ގިނަ ފިލްމުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައިވާ އަހަރަކަށްވީއިރު މިހާތަނަށް ސޮއިކޮށްފައިވާ ފަސް ފިލްމުގެތެރެއިން ހަތަރު ފިލްމުގެ މަސައްކަތް އޭނާ ވަނީ ނިންމާފައެވެ.