26 Apr 2012, 02:56
ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ކަމަށް ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަކާ ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، 5-4 އިން މޮޅުވެ ބަޔާން މިއުނިކް ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ޕެނަލްޓީ އަށް ދިޔައީ ފުރިހަމަ ވަގުތުގައި 2-1 އިން ރެއާލް މޮޅުވުމުން ދެ މެޗުގެ އެގްރިގޭޓުން ދެ ޓީމު 2-2 އިން އެއްވަރުވުމުންނެވެ. މެޗުގައި ރެއާލްގެ ދެ ގޯލު ވެސް ޖެހީ ރޮނާލްޑޯ އެވެ. އޭގެ ފަހުން ބަޔާންގެ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އާޔެން ރޮބެން އެވެ.
ޕެނަލްޓީގައި 80 މިލިއަން ޕައުންޑްގެ ފޯވަޑް ރޮނާލްޑޯ އާއި 65 މިލިއަން ޕައުންޑްގެ ކަކާގެ ޕެނަލްޓީ ކީޕަރު މެނުއަލް ނިއުއާ ދިފާއު ކުރިއިރު ސާޖިއޯ ރާމޯސް ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ރެއާލްއިން ޕެނަލްޓީ ކާމިޔާބު ކުރީ ޒަބީ އަލޮންސޯ އެވެ.
ކެޕްޓަން އަދި ކީޕަރު އިކާ ކަސިޔާސް ބަޔާންގެ ޓޮނީ ކްރޫސް އާއި ފިލިޕް ލާމްގެ ޕެނަލްޓީ ދިފާއު ކުރި އެވެ. ބަޔާންއިން ޕެނަލްޓީ ކާމިޔާބު ކުރީ ބަސްޓިއަން ސްވެންސްޓައިގާ އާއި ޑޭވިޑް އަލާބާ އަދި މާރިއޯ ގޮމޭޒެވެ.
ޖަރުމަނުގެ އަލިއާންޒް އެރީނާގައި އަންނަ މަހު ކުޅޭ ފައިނަލުގައި ބަޔާން ވާދަ ކުރާނީ ޗެމްޕިއަން ބާސެލޯނާ ބަލިކުރި ޗެލްސީއާ އެވެ.