އާރަށު މައްސަލައިގެ އިސްތިއުނާފް ހައިކޯޓުގައި ތާވަލުނުކޮށް ލަސްވަނީ ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

އާރަށު މައްސަލައިގައި މަނީ ލޯންޑްރިންއާ ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އެންމެ ފުރަތަމަ ހުށަހެޅީ ފެބްރުއަރީ މަހުގެ 12ގައެވެ. ނަމަވެސް އޭގައި ހުރި ބައެއް ކަންކަން އިސްލާހު ކުރަން އެންގުމުން އެކަންކަން އިސްލާހު ކުރުމަށް ފަހު ދެވަނަ ފަހަރަށް ހުށެހެޅީ މާޗު މަހުގެ 15ގައެވެ.

އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ލަސްވާތީ އިދިކޮޅުން މިއަދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަން ހައިކޯޓަށް ގޮސްފައެވެ.

އެއަށް ފަހު ނޫސްވެރިންނާ ވާހަަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ނުފޫޒެއް ނެތްނަމަ މައްސަލަ އަވަހަށް ތާވަލުކުރެވި ފެށުނީސް ކަމަށެވެ. އަދި، މިގޮތަށް ކަންކަން ވެގެން ދިއުމުން އެއީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ފެށުނީއްސުރެ ވެސް ސަރުކާރުގެ ނުފޫޒު އޮތްކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން އަސްލު ސަރުކާރުގެ ނުފޫޒު ރައީސް ޔާމީންގެ ޝަރީއަތަށް އެބަ ފޯރުވައޭ ދަންނަވަން ޖާގަ ލިބޭ ސަބަބަކީ. އެހެން ނޫނިއްޔާ މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް އަވަހަށް ކުރިއަށް ގެންދަންޖެހޭ މައްސަލަތައް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިކޯޓުގައި އާރަށު މައްސަލައިގެ އިސްތިއުނާފް ތާވަލުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ކޯޓުން ބުނާ ކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އެންމެ ދެރަ ކަމަކީ ފުރަތަމަ މައްސަލައާ ހިސާބުން ފެށިގެން ހައިކޯޓަށް މި އަންނަނީ ވަރަށް ގިނަގިނައިން ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން ބޭނުންވެގެން. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު އަޅުގަނޑުމެންނަށް ހީވަނީ ހައިކޯޓަށް އާދެވިދާނެހެން ވިއްސަކަށް ތިރީހަކަށް ފަަހަރު. ނަމަވެސް އެންމެ ދުވަހަކު ވެސް ރަޖިސްޓްރާ އަޅުގަނޑުމެންނާ ބައްދަލުކޮށް ނުލެއްވި،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރަޖިސްޓްރާ އެ ކަމަށް ދައްކަވާ ސަބަބަކީ ބައްދަލުކުރަން ގާނޫނު ލާޒިމް ނުކުރުން ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދޭއިރު ރައްޔިތެއްގެ ހައްގު ހިމެނޭ ކަމެއްގައި ބައްދަލު ނުކުރުމަކީ ޒިންމާދާރު ކުޑަ ކަމެއްގެ ގޮތުގައި އޭނާ އެ ކަން ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދީ ބައްދަލުކުރުމަކީ ރައްޔިތުންގެ މެދުގައި ވެސް އެ މީހަކަށް އިތުބާރު އިތުރުވާނެ ކަމެއް ކަމަށެވެ.

އާރަށު މައްސަލައިގެ އިސްތިއުނާފް މައްސަލަ ހައިކޯޓަށް ބަލައިގަތުން ލަސްވެގެން ވެސް އިދިކޮޅުން އެކި ފަހަރު މަތިން އެ ކޯޓަށް ގޮސްފައިވެއެވެ.