ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އދ. ފެންފުށި ޕްރީސްކޫލުގައި ޕާކެއް ތަރައްގީކޮށްފިއެވެ.

މި ޕާކު ތަރައްގީކުރުގެ ޕޮރޮޖެކްޓް ކުރިއަށް ގެންގޮސްފައި ވަނީ ފެންފުށީގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ.

ފެންފުށީގައި ތަރައްގީކުރި މި ޕާކު ވަނީ މިހާރު އާއްމުންނަށާއި ޕްރީސްކޫލު ކުދިންނަށް ހުޅުވާލައިފައެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ފެންފުށި ޒުވާނުންގެ ދިރުން ޖަމުއިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ ފެންފުށީގައި މިހާތަނަށް ކުޑަކުދިންގެ ޕާކެއް ނުހުންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެހެންކަމުން މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ޕާކް ތަރައްގީކޮށް ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފެއްދުމާ އެކު އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.

"މި ފުރުސަތުގައި ބީއެމްއެލް އިން މުޖުތަމައިގެ ލާބައާއި މަންފާއަށް ޓަކައި ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރަން،" މުހުސިން ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ފަންޑެކެވެ.