14 May 2023, 18:00
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިސެޕްޝަނުން ދޭ ޚިދުމަތްތައް މި ވަގުތު ފޯރުކޮށްދެނީ އޮންލައިންކޮށް ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.
މި ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އެ އިދާރާގެ ރިސެޕްޝަނުން ޚިދުމަތް ހޯއްދަވަން ބޭނުން ނަމަ އެ އިދާރާގެ އީމެއިލްއަށް މެއިލްކުރުމުން ނުވަތަ 3312694އަށް ގުޅުމުން މައުލޫމާތު ސާފު ކުރެވޭނެއެވެ.
ކަރެކްޝަނަލް ސާވިސްގެ ޚިދުމަތްތައް ދެމުން އައީ ޣާޒީ ބިލްޑިންގުގައެވެ. ނަމަވެސް އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ބާވުމުގެ ސަބަބުން ސަރުކާރުން ވަނީ ތަޅައިލަން ނިންމައިފައެވެ. އަދި، އެ ތަނުގައި ޕާކިން ޒޯނެއް ތަރައްގީ ކުރަން ޕްލޭނިން މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އެ އިދާރާގެ ހެޑް އޮފީސް، ޕަބްލިކް ސާވިސް މީޑިއާގެ މާފަންނުގައި ހުންނަ ރޭޑިއޯ ބިލްޑިންއަށް ބަދަލު ކުރުމުގެ މަސައްކަތް މި ވަގުތު ދަނީ ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައި ވަނީ، ޣާޒީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފަށާނީ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި، އެއަށް ފަހު ވީ އެންމެ އަވަހަކަށް ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި ނޭނގެ ޕާކިން ޒޯން ހަދަން ފެށޭނެ ދުވަހެއް. ޖޫން މަހުގެ ތެރޭ ތަޅާލާނީ އެއަށް ފަހު ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާނެ،" އޭނާ ވިދާޅުވިއެވެ.
ޕާކިންގެ މައްސަލަ މާލޭގައި ބޮޑުވެފައި ވާއިރު، ސަރުކާރު އޮފީސްތައް ހިންގި ހުރަވީ ބިލްޑިން ވެސް މިދިޔަ އަހަރު ވަނީ ތަޅާލައިފައެވެ. އެ އިމާރާތް ވެސް ތަޅާލީ ބާވެ ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. އަދި، ތަޅާލުމަށް ފަހު، އެ ބިމުގައި ވެސް ވަނީ ޕާކިން ޒޯނެއް ހަދައިފައެވެ.
ސަރުކާރުގެ އޮފީސްތައް ހިންގަން ދާދި ފަހުން ހުޅުމާލޭގައި ވަނީ އުމަރު ޒާހިރު ބިލްޑިންގެ ނަމުގައި އިމާރާތެއް ހުޅުވައިފައެވެ.