މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވައިލައިފިއެވެ.

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމުގެ އިންތިޚާބު މި މަހު 24ވަނަ ދުވަހު ބާއްވަން ނިންމައިފައިވާ ކަމަށެވެ.

މިއަދުން ފަށައިގެން، މި މަހުގެ 18ވަނަ ދުވަހާ ހަމައަށް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

އެ ޕާޓީން ހުސްވެފައިވާ މަގާމުތައް:

  1. ޕާޓީގެ ނައިބު ރައީސް

  2. ޒުވާނުންގެ ކައުންސިލް ރައީސް
  3. އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަންހެން
  4. އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ފިރިހެން
  5. ޒުވާނުންގެ ކައުންސިލް މެންބަރު ފިރިހެން (10 މަގާމު)
  6. ޒުވާނުންގެ ކައުންސިލްގެ މެންބަރު އަންހެން (10 މަގާމު)
  7. އަންހެނުންގެ ކައުންސިލް މެންބަރު (13 މަގާމު)

އެ ޕާޓީގެ ޒުވާނުންގެ ކައުންސިލަށް ކުރިމަތިލެވޭނީ 31 އަހަރު ނުފުރޭ މީހުންނަށެވެ. އެ ޕާޓީގެ އޮފީހަށް ފޯމު ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއިން އަންނަނީ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއާ ގުޅެން ދައުވަތު ދީފައިވީ ނަމަވެސް، ރިޔާސީ އިންތިޚާބުގައި ކޯލިޝަން އެހެން ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަނެއް ޕާޓީތައް ކަމުގައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ހިމެނެއެވެ.

ސަރުކާރާ ފެޔަށް ޖެހޭތީ ހިތްހަމަނުޖެހިގެން އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ދާދިފަހުން ވަނީ ޕާޓީން އިސްތިއުފާ ދީފައެވެ.

އެމްއާރްއެމްއިން އިސްތިއުފާ ދިން ބޭފުޅުންނަކީ:

  • ޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު މުހައްމަދު ފައިސަލް

  • އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު
  • އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު
  • މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް
  • ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލްހަމީދު އަހްމަދު
  • ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު
  • ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު
  • އެކްސްކޯ މެންބަރު ހަސަން ހައްޔާން އަހުމަދު

މަޝްވަރާތައް ކުރިޔަސް އިންތިޚާބުގައި ކުރިޔަށް ދާނެ ގޮތެއް އެމްއާރުއެމްއިން މިހާތަނަށް ނުނިންމައެވެ.

ގާނޫނުގައިވާ ގޮތަށް، 3،000 މެންބަރުން ހަމަ ނުވެގެން މި އަހަރުގެ ފެބްރުވަރީ މަހު ވެސް އެމްއާރުއެމްއަށް ވަނީ ނޯޓިސް ދީފައެވެ.