ލިވަޕޫލުން ފެނާންޑޯ ޓޮރޭޒް ލިވަޕޫލަށް ގެންދިޔައީ 50 މިލިއަން ޕައުންޑް ދީފައި އިނގިރޭސި ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. ނަމަވެސް ލިވަޕޫލުގެ ގޯލުޖެހާ މެޝިން ޗެލްސީގެ ޖާޒީގައި ފެނުނީ ގޯލާ ބީރައްޓެހިކޮށެވެ.

މިހެންވެ ފާޑުކިއުންތައް އަމާޒުވެ، ގިނަގިނައިން ބެންޗުގައި ވެސް އޭނާ އަށް ވަނީ އިންނަން ޖެހިފަ އެވެ. އިއްޔެ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފަހު ވަގުތުކޮޅު އޭނާ ކުޅެން ނެރުނު އިރު ވެސް އެއީ ޗެލްސީގެ ބޮޑު ފްލޮޕް ކަމަށް ފާޑުކިއުންތެރިން ބުނަމުންދިޔަ އެވެ.

ނަމަވެސް ބާސެލޯނާ ކޮޅަށް ފަހު ވަގުތު ގޯލުޖަހައި ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިނުމުން އޭނާ މިހާރު ވެފައިވަނީ ބަތަލަކަށެވެ. އަނެއްކޮޅުން ޓޮރޭޒަކީ ބާސެލޯނާއާ ދެކޮޅަށް ރެކޯޑް ރަނގަޅު ކުޅުންތެރިއެކެވެ. އޭނާ ވަނީ އެތްލެޓިކޯ މެޑްރިޑުގައި ހުރެ ބާސެލޯނާއާ ދެކޮޅަށް ކުޅުނު 10 މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ.

"އަހަރެން ހިޔެއް ނުކުރަން ގޯލު ޖަހަން ފުރުސަތު ލިބޭނެ ކަމަށް. އަހަރެން ކުޅުނީ ގާތްގަނޑަކަށް ލެފްޓް ބެކަށް. އިތުރު ގޯލެއް ބާސެލޯނާ ކޮޅަށް ޖެހުމަކީ ހިތްހަމަޖެހުމެއް. މިދަނޑުގައި އަހަރެންގެ އުފާވެރި ހަނދާންތަކެއްވޭ. ބާސެލޯނާއާ ދެކޮޅަށް އަހަރެންގެ އޮތީ ހިތްގައިމު ހަނދާންތަކެއް،" ބާސެލޯނާގެ ނޯކޭމްޕްގައި ޖެހި ގޯލަށް ފަހު ބުންޏެވެ.

ޓޮރޭޒް ބުނީ ރޭ ޗެލްސީ އަށް އޭނާ ޖަހައިދިން ގޯލަކީ ބާސެލޯނާ ކޮޅަށް ޖެހި ގޯލުތަކުގެ ތެރެއިން ހާއްސަ ގޯލެއް ކަމަށެވެ.

"މި ގޯލާއެކު ފައިނަލަށް ދެވުމުން އުވާފޭ. މިމެޗުގައި ކުޅެވުނީތީ ވެސް އަހަރެން އުފާކުރަން. މިއީ ޗެލްސީގެ ދެ ވަނަ ޗެމްޕިއަންސް ލީގު ފައިނަލް. އެންމެނަށް ވެސް އެނގޭ ކުރީ ފަހު ޕެނަލްޓީ ޖަހައިގެން ބަލިވިއިރު ވީގޮތް. މިފަހަރު އަހަރުމެންނަށް ތަށި ހައްގު. އެންމެވެސް ތިބީ ހުވަފެން ހަގީގަތަކަށް ހަދަން،" ވޯލްޑް ކަޕާއި ޔޫރޯ ހޯދި ސްޕޭން ޓީމުގައި ވެސް ކުޅުނު ޓޮރޭޒް ބުންޏެވެ.