ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި އެ މަނިކުފާނު ލޯންޑާ ކުރި 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ނަގައިދިނުމަށް ހިމަނާފައި ނުވާތީ އެކަން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެ ހުކުމުގައި އެމަނިކުފާނު ލޯންޑާ ކުރި ފައިސާ ދައުލަތަށް ދެއްކުމަށް އަންގާފައެއް ނުވެއެވެ. އަދި އޭގެ ދެ މަސް ފަހުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެއީ ކުށް ކޮށްގެން ހޯދި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ވެސް ދައުލަތަށް ނެގުމަށެވެ.

ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފައެވެ. އަސްލު މައްސަލައިގެ ހުކުމް ކުރުމަށްފަހު އެ ހުކުމް ފުރިހަމަ ކުރުމަށް ނުވަތަ އެ ހުކުމަށް އުނި އިތުރެއް ގެނައުމަށް އިތުރު ހުކުމެއް ކުރުމަކީ ގާނޫނު ދަންނަ ކެމެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް ހައި ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ އިސްތިއުނާފްކޮށް ފައިސާ ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައެވެ.

އެކަމާ ގުޅުގެން ޕީޖީ އޮފީހުން މިއަދު ބުނީ ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"މީގެ ތެރޭގައި ހިމެނެނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ," ޕީޖީ އޮފީހުން ބުންޏެވެ.