14 May 2023, 14:51
ބެންގަލޯ (14 މެއި 2023): އިންޑިއާގެ މެދުތެރޭގައިވާ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާ ސްޓޭޓްގެ ޕާލަމެންޓްރީ އިންތިޚާބު ބޮޑު ތަފާތަކުން އެގައުމުގެ އިދިކޮޅު ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.
މިއީ އިންޑިއާގައި ވެރިކަންކުރާ, ހިންދޫ ހަރުކަށި ފިކުރާ ގުޅުން އޮންނަ ޕާޓީއެއްކަމަށްވާ ބީޖޭޕީގެ ބޮޑު އަޣްލަބިއްޔަތެއްއޮތް ޕާލަމެންޓެކެވެ. ނަމަވެސް ކަރްނާޓަކާ ގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އިދިކޮޅު ކޮންގްރެސް ޕާޓީވަނީ އެސްޓޭޓްގެ ޕާލަމެންޓްގައި ހިމެނޭ 224 ގޮނޑީގެ ތެރެއިން 137 ގޮނޑި ކާމިޔާބުކޮށްފައެވެ.
މިއީ ޕާލަމެންޓްގެ އަޣްލަބިއްޔަތު ކަމަށްވާ 113 ގޮނޑީއަށްވުރެ 24 ގޮނޑި އިތުރު އަދަދެކެވެ. ބިޖޭޕީއަށް ލިބިފައި ވަނީ 65 ގޮނޑިއެވެ. ބާކީ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ ކުދި ޕާޓީތަކުންނާއި ސްޓޭޓް ލެވެލްގެ ޕާޓީތަކުންނެވެ.
މިނަތީޖާއާއެކު ބީޖޭޕީއަށްވަނީ މާޔޫސްކަން ލިބިފައެވެ. ބީޖޭޕީގެ ވެރިކަމުގައި އިންޑިއާގައި ހަރުކަށި އަދި ހައްދުފަހަނާފައިވާ ހިންދޫންގެ ބާރުގަދަވެ އެމީހުން މުސްލިމުންނަށް ކުރަމުންގެންދާ ގޯނާތަކާއި ދުއްތުރާތައްވަނީ އިންޑިއާގެ އެތައް ސްޓޭޓެއްގައި އިންތިހާއަށް އިތުރުވެފައެވެ. އަދި ބީޖޭޕީ އިސްވެ އޮވެގެން އިންޑިއާގެ ތާރީޚާއި ސަގާފަތާއި އާސާރީ ތަރިކައިން މުސްލިމުންގެ ނަމާއި ވަސް ފުހެލައި ތާރީޚާއި ހަގީގަތް އޮޅުވާލުމަށްވެސް ގެންދަނީ ވަރުގަދަ މަސައްކަތް ތަކެއް ކުރަމުންނެވެ.
އިންޑިއާގައި 200 ވަރަކަށް މިލިޔަން މުސްލިމުން އުޅޭއިރު އަދި އިންޑިއާގެ ތާރީޚާއި ސަގާފަތާއި އާސާރީ ތަރިކައިގެ މައިގަނޑު އެއް އަސާސަކީ މުސްލިމުންނާއި މުސްލިމުން ބިނާކޮށްދިން ހަޟާރަތް ކަމަށްވާއިރު ބީޖޭޕީ ހިންގާ މި އަމަލުތަކަކީ މިއީ އިންޑިއާގެ އެތެރޭގައި ހުޅުޖެހުންފަދަ ކަމެއްގެ ގޮތުގައި އަދި މުސްތަގްބަލުގައި އިންޑިއާ ބައިބައިވެ ރޫޅިގެންދިޔުމަށް މަގުފަހިވެދާނެކަ މެއްގެ ގޮތުގައި މުސްލިމުންގެ އިތުރުން ހިންދޫންގެ އަޣްލަބިއްޔަތު ފިކުރު ކަމަށްވާ މެދުމިނުގެ މީހުންވެސް ގެންދަނީ ސިފަކުރަމުންނެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީވެސް ގެންދަނީ ބީޖޭޕީގެ ހަރުކަށި މިއަމަލުތަކާއި ހަރަކާތްތަކާ ދެކޮޅަށް އަޑުއުފުލައި އެޕާޓީގެ ހަރުކަށި ފިކުރުގެ ގެއްލުން އިންޑިއާގެ މުސްތަގްބަލަށް އޮތް މިންވަރު ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރަމުންނެވެ.
ބިޖޭޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކަރްނާޓަކާ ޕާލަމެންޓްރީ އިންތިޚާބުގައި މިފަހަރު އާދަޔާ ޚިލާފަށް ބީޖޭޕީ ބަލިވުމަކީ އެޕާޓީގެ ނުރައްކާތެރިކަން އިންޑިއާގެ މުސްތަގްބަލަށް އޮތް މިންވަރު އާންމުންނަށް ހާމަވަމުންދާން ފެށިކަމުގެ ހެއްކެއްގެ ގޮތުގައި ބައެއް މުހައްލިލުންވަނީ ސިފަކުރައްވާފައެވެ. އަނެއްބައި މުހައްލިލުން ސިފަކުރާ ގޮތުގައި ބީޖޭޕީގެ ވެރިކަން އޮންނަ ސްޓޭޓްތަކުގައި ކޮރަޕްޝަން ވަނީ އާދަޔާ ޚިލާފަށް ގިނަވުމާއެކު އާންމުން ބަދަލަކަށް ބޭނުންވުމަކީވެސް ބީޖޭޕީއަށް ކުރިމަތިވި މިނާކާމިޔާބީގެ ފަހަތުގައިވާ ސަބަބެކެވެ.
ހަރުކަށި ބީޖޭޕީ، އިންޑިއާގެ ވެރިކަމަށް އައިފަހުން އިންޑިއާގެ މުސްލިމުންގެ އިތުރުން އެގައުމުގެ ބައިމަދު އެހެން ދީންތަކުގެ މީހުންނާ ދެކޮޅަށްވެސް ހަރުކަށި ހިންދޫން ގެންދަނީ އަނިޔާވެރި ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.
މީގެ ތެރޭގައި މީހުން މެރުން ފަދަ ޓެރަރިސްޓް އަމަލުތައް ހިންގުމާއި އަނިޔާކުރުމާއި ހިންދޫ ޝިއާރުތައް ފިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުން މަނާކުރުމާއި ބުރުގާ އަޅާ މުސްލިމް އަންހެން ދަރިވަރުންނަށް ގޯނާކުރުމާއި އެމީހުން މަތީ ތައުލީމުން މަހުރޫމް ކުރުންފަދަ ހަރުކަށި އަމަލުތައް ހިމެނެއެވެ.
ހަރުކަށި ހިންދޫންގެ މިއަމަލުތަކަށް އިންޑިއާގެ މައި ސަރުކާރާ އަދި ބީޖޭޕީގެ ވެރިކަން އޮންނަ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން ގެންދަނީ އަޅާނުލައި އަދި ދެނަހުރިކަމަށް ނަހަދައި ހަރުކަށި ހިންދޫންނަށް އަޑިއަޑިން ހިތްވަރު ދެމުންނެވެ. ކަރުނާޓަކާއިގައިވެސް ބުރުގާ އަޅާ މުސްލިމް އަންހެން ދަރިވަރުން ޔުނިވަސިޓީ އާއި ކޮލެޖްތަކަށް ދިޔުން އެސްޓޭޓްގައި އޮންނަ ބީޖޭޕީ ލޯކަލް ސަރުކާރުން މަނާކުރިއެވެ. ނަމަވެސް ޕާލަމެންޓްރީ އިންތިޚާބުގެ މި ނަތީޖާއާއެކު މިހާރު މިވަނީ އަނެއްކާވެސް ހާލަތު ބަދަލުވެފައެވެ. މިހާރު އޮތް ބީޖޭޕީގެ ހަރުކަށި ލޯކަލް ސަރުކާރުގެ ބަދަލުގައި މެދުމިނުގެ ފިކުރުގެ ކޮންގްރެސް ޕާޓީގެ ސަރުކާރަކަށް ވަރަށް އަވަހަށް ކަރުނާޓަކާގައި ގާއިމްކުރެވޭނެއެވެ.
އިންޑިއާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ މުހައްލިލުން ވިދާޅުވާގޮތުގައި ކަރުނާޓަކާގެ އާންމު އިންތިޚާބުގައި ބީޖޭޕީއަށް ކުރިމަތިވި އާދަޔާ ޚިލާފު ނާކާމިޔާބީއަކީ އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ މައި ޕާލަމެންޓްރީ އިންތިޚާބުގައި ބީޖޭޕީއަށް ކުރިމަތި ވާނެ ވަރުގަދަ ގޮންޖެހުމެކެވެ.
އިންޑިއާގައި ދިގުމުއްދަތަކަށް ވެރިކަންކުރި ކޮންގްރެސް ޕާޓީ މިހާރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނަތާ ވަނީ ދިހަ އަހަރުވެފައެވެ. ފާއިތުވި 10 އަހަރު ތެރޭގައި އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން ގިނަ ސްޓޭޓްތަކުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރީ ބީޖޭޕީ އެވެ. މަދު ސްޓޭޓެއްގެ އިންތިޚާބު ނޫނީ އިދިކޮޅު ކޮންގްރެސްއަށް ކާމިޔާބެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ކަރުނާޓަކާގެ ލޯކަލް ޕާލަމެންޓްރީ އިންތިޚާބަށް އެންމެ ވަރުގަދައަށް ކޭންޕޭންކުރީ ބީޖޭޕީންނެވެ. އަދި އެންމެ ގިނަ އެއްވުންތައް ބާއްވައި އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ގިނަ ފައިސާވެސް ޚަރަދުކުރީ ބީޖޭޕީންނެވެ. ނަމަވެސް އެންމެ ބޮޑު ނާކާމިޔާބާ ކުރިމަތިލާން މިޖެހުނީ ބީޖޭޕީ އަށެވެ. މިކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއްވާ ކަމަށް ބެލެވޭ އިރު އޭގެތެރޭގައި ކަރުނާޓަކާގައި އޮތް ބީޖޭޕީގެ ލޯކަލް ސަރުކާރުގައި ކޮރަޕްޝަން އަށަގެންފައިވާ ކަމުގެ ތުހުމަތުތައް ހިމެނެއެވެ.