14 May 2023, 13:26
ރާއްޖެ ހިމެނޭ ގޮތަށް ތިން ގައުމަކަށް އެތެރެކުރަން އުޅުނު 2.5 ޓަނުގެ މަސްތުވާތަކެތި އިންޑިއާގެ, ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި އެގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އަތުލައިފިއެވެ.
އެންސީބީއިން އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިންޑިއާ ކަނޑުން ހިފެހެއްޓި ބޯޓަކުން އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތެމްފެޓަމިންއެވެ. އެ މަސްތުވާތަކެތި ހުރީ ގޯނިތަކެއްގައި ބަންދުކޮށްފައި ކަމަށާއި އެ ގޯނިތަކުގައި ލިޔެފައި ވަނީ އުރުދޫ ބަހުން ކަމަށް އެންސީބީގެ އޮފިޝަލުން ބުންޏެވެ.
އެ ބިއުރޯއިން ލަފާ ކުރާ ގޮތުގައި އެ މަސްތުވާތަކެތީގެ އަގު 150 މިލިއަން ރުފީސް (28 މިލިއަން ރުފިޔާ)އަށް އަރާނެއެވެ. އެއީ އަގުގެ ގޮތުން ބަލާއިރު، އިންޑިއާގެ ތަންފީޒީ އިދާރާއަކުން ހޯދި އެންމެ ގިނަ މަސްތުވާތަކެތި ކަމަށް އެންސީބީއިން ބުނެފައިވެއެވެ.

އެންސީބީއިން އަތުލައިގަތް މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ ގޯނީގައި -- ފޮޓޯ/ ދަ ހިންދޫ
ދަ ހިންދޫ ނޫހުގައިވާ ގޮތުން އެ ބޯޓުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 134 ގޯނި ފެނިފައިވާ އިރު، ބޯޓުގައި ހުރި ޕާކިސްތާނުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެންސީބީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮފް އޮޕަރޭޝަންސް ސަންޖޭ ކުމާރު ސިންހު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު، ބޯޓުގައި ހުރި މަސްތުވާތަކެތީގެ އަދަދު މިހާރު ލަފާކޮށްފައިވާ މިންވަރަށް ވުރެވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
"އެ ތަކެތި ފޮނުވަން މަސައްކަތްކުރީ އިންޑިއާ، ސްރީލަންކާ އަދި ރާއްޖެއަށް. މި މައްސަލައާ ގުޅިގެން އިތުރު މީހުން ހައްޔަރުކުރުމުގެ ފުރުސަތު ބޮޑު،" ސިންހު ވިދާޅުވިއެވެ.
އެންސީބީއިން އެ ބޯޓު ހިފަހައްޓާފައި ވަނީ އިންޑިއާ ކަނޑުން މަސްތުވާތަކެތި އުފުލުން ހުއްޓުވުމަށް ކުރިއަށްގެންދާ 'އޮޕަރޭޝަން ސަމުޑްރަގްޕުޓް'ގެ ދަށުންނެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ އޮޕަރޭޝަން ފެށި ފަހުން އެންސީބީ އާއި އެހެން އިދާރާތަކުން ގުޅިގެން ވަނީ 3،200 ކިލޯގެ މެތެމްފެޓަމިން އާއި 500 ކިލޯގެ ހެރޮއިން އާއި 529 ކިލޯގެ ހަޝިޝް އަތުލާފައެވެ.