14 May 2023, 12:51
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެ މަގުބޫލު އުޒުރެއް ނެތި އެ ޕްރޮގްރާމް ހުއްޓައިލާނަމަ ސަރުކާރުން އެ ދަރިވަރަކަށް ޚަރަދު ކުރި ފައިސާ އަނބުރާ ދައްކަން ޖެހޭ އުސޫލު އެކުލަވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި އާ އުސޫލުގައި ވަނީ ސަރުކާރުން އެ ދަރިވަރަކަށް ޚަރަދުކުރުން ހުއްޓާލާ ހާލަތްތައް ކަނޑައަޅައިފައެވެ. އޭގެ ބައެއް ކަންކަމުގެ ތެރޭގައި ކިޔެވުން ހުއްޓައިލުން ހިމެނެއެވެ. އަދި އެ ކޯހަކުން އެ ދަރިވަރަކު ވަކިކުރުން ވެސް ހިމެނެއެވެ.
ދަރިވަރު ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ހާލަތްތަކަކީ:
މަގުބޫލު އުޒުރަކާ ނުލައި ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓައިލުން
- ދަރިވަރު ޕްރޮގްރާމުން ފެއިލްވެއްޖެކަމަށް މަރުކަޒުން ކަނޑައެޅުން
- ފުރަތަމަ ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން
- މިނިސްޓްރީއަށް މައުލޫމާތު ނުދީ ސިއްރުކުރުން ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުން
ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ފައިސާ ނުދައްކައިިފިނަމަ އަޅައި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ފައިސާ އެއްކޮށް ދައްކަން ދެން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރާ މަތީ ތައުލީމާއި ތަމްރީނުގެ އެއްވެސް ފުރުސަތެއް ނުދިނުން ހިމެނެއެވެ.
އަަދި ގާނޫނީ ގޮތުން ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.
އުސޫލުގައިވަނީ ފައިސާ ދައްކަން ވެސް މުއްދަތުތަކެއް ދީފައެވެ. އެ މުއްދަތުތައް ކަނޑައަޅައިފައިވަނީ އެ ދަރިވަރަކަށް ކުރާ ޚަރަދުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހުއެވެ.
ބައެއް މުއްދަތުތަކުގެ ތެރޭގައި:
ދަރިވަރަށް ޚަރަދުކުރީ 25،000 ރުފިޔާއަށްވުރެ މަދު މިންވަރެއްނަމަ، އެ މިންވަރެއް ދެ އަހަރުން ދެއްކުން.
- ދަރިވަރަށް ޚަރަދުކުރި މިންވަރު 25،000 ރުފިޔާއަށްވުރެ އިތުރުވެފައި 50،000 ރުފިޔާއަށްވުރެ މަދު ނަމަ އެ މިންވަރެއް ދެ އަހަރާއި ހަ މަސްދުވަހުގެ ތެރޭ ދެއްކުން.
- ދަރިވަރަށް ޚަރަދުކުރި މިންވަރު 50،000 ރުފިޔާއަށްވުރެ އިތުރުވެފައި 100،000 ރުފިޔާއަށްވުރެ މަދުނަމަ، އެ މިންވަރެއ،ް ތިން އަހަރާއި ހަ މަސްދުވަހުގެ ތެރޭ ދެއްކުން
އާ އުސޫލުގެ ދަށުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ފަށާ ދަރިވަރުންނަށް ސްކީމުގައި ބައިވެރިވެވޭނެ ވަކި މުއްދަތެއް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން އުސޫލުގައި ވާގޮތުން ޑިގްރީއަށް ކިިޔެވުން ފަށައިތާ 18 މަސް ދުވަހުގެ ކުރިން ސްކީމަށް އެދި ހުށަހަޅަން ޖެހެއެވެ. އެ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅައިފިނަމަ ފައިސާ ދޫކުރާނ،ީ ހުށަހެޅި ދުވަހުން ފެށިގެން ޕްރޮގްރާމުގެ ބާކީ އޮންނަ ބައިގައި ފެށޭ ސެމިސްޓަރުތަކަށް ކަމަށް އާ އުސޫލުގައިވެއެވެ.
މީގެ އިތުރުން މި ގަވައިދަށް ގެނައި އެހެން އިސްލާހުތަކުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމް ފަސް ކުރެވޭނެ މުއްދަތު ވަނީ 12 މަސްދުވަހަށް ކުރުކޮށްފައެވެ.
ފަސް ކުރެވޭނީ އެ ކަމުގެ ހުއްދަ ކިޔަވައިދޭ މަރުކަޒަކުން ލިޔުމުން ދިނުމުން ލިޔުން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އެ މުއްދަތު ބަލާނީ އެ ދަރިވަރަކަށް ފައިސާ ދޭ ތާރީޚުން ފެށިގެންނެވެ. ބާރަ މަހަށްވުރެ ދިގުނަމަ ބަލާނީ ޕްރޮގްރާމް ހުއްޓައިލީ ކަމަށެވެ.
އަލަށް އިސްލާހުކުރި އުސޫލުގައި ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވަމުން އަންނަ މަރުކަޒެއް ބަދަލުކުރެވިދާނެ ހާލަތްތަކެއް ވެސް ކަނޑައަޅައިފައިވެއެވެ. އެގޮތުން ދަރިވަރަކަށް މަރުކަޒު ބަދަލުކުރެވޭނީ އެންމެ ފަހަރަކުއެވެ. އެކަން ކުރެވޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
މަރުކަޒު ބަދަލުކުރެވޭނީ މަަރުކަޒު ބަދަލުވާއިރު މި ސްކީމުގެ ދަށުން ދަރިވަރަށް ހޭދަކޮށްފައިވާ ފައިސާ މިނިސްޓްރީއަށް ދައްކައިފައިވާނަމަ އާއި ދޫކޮށްލާ މަރުކަޒުގައި ކިޔަވަމުންދިޔަ ޕްރޮގްރާމުން ފުރިހަމަކޮށްފައިވާ ހުރިހާ މޮޑިޔުލަކަށް އެޑްވާންސްޑް ސްޓޭންޑިން ލިބިފައިވާނަމައެވެ.
ހަމައެއާއެކު ޕްރޮގްރާމް ނިންމުމަށް ދަރިވަރުންނަށް ބާރު އެޅުމުގެ ގޮތުން ވަކި މުއްދަތުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ. އަދި ސަރުކާރުން ކަނޑައަޅައިފައިވާ ރޭޓަށް ބަދަލެއް ގެނެސްފިނަމަ އަމަލުކުރާނެ ބައެއް ގޮތްތައް ވެސް ކަނޑައަޅައިފައިވެއެވެ.
ފުރަތަމަ ޑިގްރީ ހިލޭކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވަގުތު ވެސް 15،000އާ ގާތްކުރާ އަދަދަކަށް ގިނަ ދަރިވަރުން މި ސްކީމުގެ ދަށުން އަންނަނީ ކިޔަވަމުންނެވެ.