26 Apr 2012, 02:50
ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ޗެލްސީ އަތުން 3-2ގެ އެގްރިގޭޓުން ބަލިވުމުން ބާސެލޯނާގެ ގޭމްޕްލޭން ބަދަލު ކުރަން ކޯޗު ޕެޕް ގާޑިއޯލާ ނިންމައިފި އެވެ.
އޭނާ ބުނީ ބާސެލޯނާ ބަލިވީ މޮޅަށް ކުޅެފައި ކަމަށާއި އޭނާ ހިތްވަރުދިނީ އެޓޭކް ކުރަން ކަމަށެވެ. ނަމަވެސް ފުޓްބޯޅަ އަކީ ގޯލު ޖެހުން ކަމަށާއި ކިތަންމެ މޮޅަށް އެޓޭކް ކޮށްފައި ވެސް ލަނޑު ނުޖެހުމުން ހިތާމަ ކުރާ ކަމަށެވެ.
"ފަހަރުގައި މިއީ ކުރިމަގަށް ލިބުނު ރަނގަޅު ފިލާވަޅަކަށް ވެސް ވެދާނެ. އަހަރުމެން މޮޅަށް ކުޅުނިން،" ގާޑިއޯލާ ބުންޏެވެ.
3-4-3 ގެ ފޯމޭޝަނަށް ކުޅޭ ބާސެލޯނާގެ ކޯޗު އަދި ބުނީ ހުރަސްތަކަކީ އެންމެ ބޮޑަށް ކަންބޮޑުވި މައްސަލަ ކަމަށާއި ޗެލްސީން މުޅި މެޗުގައި ވެސް ދިފާއީ ގޭމެއް ކުޅެ ކައުންޓަ އެޓޭކްގައި ވަރަށް މޮޅު ކަމަށެވެ.
މި ސީޒަން ނިމުމުން ކޮންޓްރެކްޓް ހަމަވާ ކޯޗު ބުނީ ބާސެލޯނާގައި ދެމިހުރުމާމެދު އޭނާ ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށާއި މިވަގުތަކީ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލާފައި ފިޔަވަޅު އަޅަން ޖެހޭ ވަގުތު ކަމަށެވެ.
2008 ވަނަ އަހަރު ބާސެލޯނާއާ ހަވާލުވި ގާޑިއޯލާ އަށް މި ސީޒަނުގައި ތައްޓެއް ހޯދަން މިހާރު އޮތް ހަމައެކަނި ފުރުސަތަކީ އަންނަ މަހުގެ 20 ވަނަ ދުވަހު ކުޅޭ ސްޕެނިޝް ކަޕް ފައިނަލެވެ. ސްޕެނިޝް ލީގު ނުލިބޭނެކަން ކަށަވަރުވެފައިވާއިރު ބާސެލޯނާ ވަނީ ވޯލްޑް ކްލަބް ޗެމްޕިއަންޝިޕާއި ސުޕަ ކަޕް ހޯދައިފަ އެވެ.
ގާޑިއޯލާ ބާސެލޯނާގެ ކޯޗުކަމުގައި ހުރުމާމެދު ވަކިގޮތެއް ނިންމާފައިނުވާއިރު އޭނާ އަކީ ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމަށް ގެނައުމަށް ޝޯޓް ލިސްޓް ކޮށްފައިވާ ކޯޗެކެވެ.