15 May 2023, 09:53
ލަވަކިޔުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔޫރޯވިޝަން ފެސްޓިވަލް މިފަހަރު ސްވީޑެން ކާމިޔާބު ކޮށްފިއެވެ.
ޔޫރޯވިޝަން އަކީ ކޮންމެ އަހަރެއްގައި ވެސް ގައުމުތަކުން ސިޔާސީ އެކި ކަހަލަ މެސެޖުތައް ދިނުމަށް ބޭނުންކުރާ ޕްލެޓްފޯމެކެވެ. އާންމުކޮށް އެ މުބާރާތުގައި މޮޅުވަނީ ވެސް އެންމެ ގިނައިން ސިޔާސީ މައްސަލަތައް ގެނެސްދޭ ގައުމުތަކެވެ.
މިދިޔަ އަހަރުގެ ޔޫރޯވިޝަން ބާއްވާފައިވަނީ ޔޫކްރެއިން އާއި ރަޝިއާ އާ ދެމެދު އޮތް ހަމަނުޖެހުން ނާޒުކު ދަނޑިވަޅެއްގައި އޮތް ދުވަސްވަރެއްގައެވެ. އެއާއެކު ވެސް ޔޫކްރެއިން އިން މުބާރާތުގައި ބައިވެރިވިއިރު މުބާރާތް އެންމެފަހުން ކާމިޔާބު ކޮށްފައިވަނީ އެގައުމެވެ.
މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން އެއް ވަނައަށް ހޮވޭ ގައުމަކުން ޖެހިގެން އޮންނަ މުބާރާތް ހޯސްޓް ކުރަން ޖެހޭނެއެވެ. ނަމަވެސް ޔޫކްރެއިންގެ ހާލަތު އޮތް ގޮތުން މިފަހަރުގެ މުބާރާތް ޔޫކްރެއިންގައި ނުބާއްވާ، މުބާރާތުން ދެވަނައަށް ދިޔަ އިނގިރޭސި ވިލާތަށް ބަދަލު ކުރިއެވެ.
ކޮންމެއަކަސް އިނގިރޭސިވިލާތުން މިފަހަރު މުބާރާތް ހޯސްޓް ކުރިއިރު މުބާރާތް ކާމިޔާބު ކުރީ ސްވީޑެން އިންނެވެ. ސްވީޑެން މުބާރާތަށް ހުށަހަޅާފައިވާ ލަވައަކީ ޔޫކްރެއިންއަށް އޮތް ސަޕޯޓު ދައްކައި އެގައުމުގެ ވާހަކަ ކިޔައިދޭ ލަވައެކެވެ.
މި ލަވަ ހުށަހަޅާފައިވަނީ ސްވީޑެންގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޮރީން އެވެ. މިއީ ލޮރީން މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އެގޮތުން 2012 ވަނަ އަހަރު ޔޫރޯވިޝަންއަށް ހުށަހެޅި ލަވައަކާއެކު އޭރު އޭނާ މުބާރާތް ކާމިޔާބުކުރިއެވެ.
ސްވީޑެންއަށް ލިބުނު ކާމިޔާބީއާއެކު އެގައުމަށް ވަނީ ހަތް ޔޫރޯވިޝަން ކާމިޔާބު ކުރެވިފައެވެ. މިހާރު ޔޫރޯވިޝަންގައި އެންމެ ގިނައިން އެއްވަނަ ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސްވީޑެން އާއެކު އައިރެލެންޑްއެވެ. ދެ ގައުމުން ވެސް ވަނީ ހަތް ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައެވެ.