14 May 2023, 08:44
ލޯބިވެރިންގެ ގޮތުގައި މީޑިއާއިން ގިނަ ދުވަސްތަކެއްވަންދެން ސިފަކުރި ބަތަލާ ޕަރިނީތީ ޗޯޕްރާއާއި، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރާގަވް ޗައްދާ އެންގޭޖްވެއްޖެއެވެ.
ރާގަވްއާއި ޕަރިނީތީގެ އެންގޭޖްމަންޓް ހަފުލާ ކުރިޔަށްދިޔައީ އިންޑިއާގެ ނިއުދިއްލީގައި އިއްޔެ އިރު އޮއްސުނުފަހުންނެވެ. މިހަފުލާއަށް ފަހު ޕަރިނީތީއާއި ރާގަވްވަނީ ދެ މީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް ހަފުލާގެ ފޮޓޯތައް އާއްމުންނާ ހިއްސާކޮށްފައެވެ. އަދި ހަފުލާ ކުރިޔަށްދިޔަ ގޭގެ ސަރަހައްދަށް އެއްވެތިބި ނޫސްވެރިންނާވެސް ޕަރިނީތީއާއި ރާގަވްވަނީ ބައްދަލުކޮށްފައެވެ.
ޕަރިނީތީއާއި ރާގަވް ރައްޓެހިވެގެން އުޅޭކަމުގެ އަޑާއެކު ނޫސްވެރިން ކުރިމަތިކުރުވި އެއްވެސް ސުވާލަކަށް އެ ދެ މީހުން މީގެ ކުރިން ޖަވާބު ދީފައެއްނުވެއެވެ.
ޕަރިނީތީގެ އެންގޭޖްމެންޓް ހަފުލާ ކުރިއަށްގެންގޮސްފައިވަނީ އިންޑިއާގެ ސިކުންގެ އާދަކާދައާ އެއްގޮތަށެވެ. މި ހަފުލާގައި ބައިވެރިވެފައިވަނީ ޕަރިނީތީއާއި ރާގަވްގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިންނާއެކު ރާގަވްއާއެކު ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ގާތް ފަރާތްތަކެވެ.
އެންގޭޖްމެންޓް ހަފުލާ ފެށުމުގެ އިރުކޮޅެއްކުރިން ބޮލީވުޑްގެ މަޝްހޫރު ޑިޒައިނަރު މަނިޝް މަލްހޯތްރާ އާއި ޕަރިނީތީގެ ދެބެއިންގެ ދެދަރި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަފުލާގައި ބައިވެރިވުމަށް ދާ މަންޒަރު ވަނީ ފެނިފައެވެ. ޕަރިނީތީއާއި ބަތަލާ ޕްރިޔަންކާއަކީ އާއިލީ ގުޅުން ވަރަށް ރަނގަޅަށް ދަމަހައްޓާ އަދި ވަރަށް ގާތްކޮށް އުޅޭ ދެ ފަންނާނުންނެވެ.
ރާގަވް ޗައްދާއަށް ތަހުނިޔާ ކިޔުމުގެގޮތުން ޕަންޖާބުގެ ޗީފް މިނިސްޓަރު އަދި ދިއްލީ ޗީފް މިނިސްޓަރުވެސްވަނީ މިއެންގޭޖްމަންޓް ހަފުލާގައި ބައިވެރިވެފައެވެ.
ޕަރިނީތީއާއި ރާގަވް ލޯބީގެގޮތުން ގުޅިގެން އުޅޭކަމުގެ އަޑު ފެތުރެންފެށީ މިއަހަރުގެ މާޗް މަހުތެރޭ ދެ މީހުން އެކީ ބޭރުތެރެއިން ފެންނަ މަންޒަރު ގިނަވާން ފެށުމުންނެވެ. ރާގަވްއަކީ، ޕަރިނީތީ އިނގިރޭސިވިލާތުގެ ލަންޑަންގައި ކިޔަވަން އުޅުނު ދުވަސްވަރުއްސުރެން ފެށިގެން ގާތް ރަހުމަތްތެރިއެކެވެ. ދެ ތަރިންގެ އެންގޭޖްމެންޓް ހަފުލާ ނިމިފައިވާއިރު ކައިވެނިކުރާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.